ކާމިޔާބު ފިލްމް “ބަވަތި” އިން ފިލްމީ އިންޑަސްޓްރީއަށް ނުކުތް ޕްރޮޑަކްޝަން ހައުސް "އައި ފިލްމްސް" އިން ތިން ވަނަ ފިޗާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

އައި ފިލްމްސްއިން ބުނީ ތިން ވަނަ ފީޗާ ފިލްމެއްގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެފިލްމާ ބެހޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށްވެސް އައި ފިލްމްސްއިން ބުނެ އެވެ.

އައި ފިލްމްސްއިން އެންމެ ފަހުން ގެނެސްދީފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު ރިލީޒްކުރި "ނީނާ" އެވެ. ފުރަތަމަ ފިލްމަކީ 2019 ގެ ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" އެވެ. މި ދެ ފިލްމު ވެސް ލިޔެ، ޑައިރެކްޓްކުރީ ބެލުންތެރިންގެ އިތުބާރު ވަރަށް ބޮޑަށް ހޯދާފައިވާ އިލްޔާސް ވަހީދު (އިއްލެ) އެވެ. މި ދެ ފިލްމަކީވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ދެފިލްމެވެ.

އިއްލެ ޑައިރެކްޓްކުރާ އިތުރު ފިލްމެއް އަންނަ މަހުގެ 4 ގައި ބެލުންތެރިނަން ދޫކޮށްލާނެ އެވެ. އެއީ ކަޒްމިކް އިންޓަނޭޝަނަލްގެ ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ.

އިއްލެ ވަނީ ވެބް ސީރީޒްތަކެއް ވެސް ބެލުންތެރިންނަށް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "މަޒްލޫމް" އާއި "ބިރުވެރި ވާހަކަ" ހިމެނެ އެވެ.