ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނި ފެނަކަ ކޯޕަރޭޝަނަށް ތުހުމަތުކުރެވޭ 72 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ފެނަކައިން ކުދި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމުގެ އިތުރުން ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ފެނަކައިގައި މައިގަނޑު ތިން މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފުރަތަމަ ކަމަކަށް ކުދިކުދި ކުންފުނިތައް ބޭނުންކޮށްގެން ކޮށްފައި ހުރި މަސައްކަތަށް ދޭން ޖެހޭ ފައިސާ އަވަހަށް ދެވޭނެ ގޮތެއް ސަރުކާރުން ހޯދައި ދޭން ޖެހޭ ކަމަށެވެ. އަދި މިހާރު އަަޑު އިވެނީ ކުންފުނިތަކަށް އެތައް މިލިއަން ރުފިޔާ އެއް ނުލިބި އޮތް ކަމުގެ ވާހަކަ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ހަސަން ފާހަގަ ކުރެއްވީ ފެނަކައިގެ ކޮރަޕްޝަންގެ ވާހަކަ އެވެ. ހަސަން ވިދާޅުވީ އެ ކުންފުންޏަށް ނިސްބަތްވާ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތަފާތު 31 މައްސަލަ އޭސީސީގައި އެބައޮތް ކަމަށާއި އެ މައްސަލަތައް ބެލެން ޖެހޭ ކަމަށެވެ.

"މި މައްސަލަތަކަކީ ބެލެން ޖެހޭނެ މައްސަލަތައް. އެ މައްސަލަތައް ނުބެލި އެހެން ހުންނަ ކަމަށްވާ ނަމަ، ދެން އަނެއްކާ ވެސް އެކަންކަން ކުރާ ފަރާތްތަކަށް އެ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް އެ ލިބެނީ ހިތްވަރެއް. އެއީ އަޅުގަނޑު ކޮންމެހެން މި ސަރުކާރުގައި ފެނަކަ ހިންގަން ތިބި މުވައްޒަފުންގެ ވާހަކައެއް ނޫން،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ފެނަކައިގެ މައްސަލަތައް ނުބެލޭ ނަމަ، ދެން އަންނަ ސަރުކާރަކުން ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގަން އެ ލިބެނީ ހިތްވަރެކެވެ.

"72 މިލިއަން ރުފިޔާއަކީ ކުޑަ އަދަދެއްގެ ފައިސާއެއް ނޫން. އެ ހިޔާނާތުގެ މައްސަލަތައް، އެ ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައި އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ އެ ކުންފުނީގެ މުވައްޒަފުން،" ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން، ފެނަކައިގައި އެތައް ބިލިއަން ރުފިޔާގެ ދަރަނި ހުރި ކަމަށް ވެސް ހަސަން ތުހުމަތު ކުރެއްވި އެވެ.