އިންޑިއާގެ ފަންނާނުންނަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ "ދަ ނެޝަނަލް އެވޯޑް"އަކީ ކޮންމެ އަހަރަކުވެސް ގިނަ އާޓިސްޓުންތަކެއް އިންތިޒާރުކުރާ އެވޯޑެކެވެ.

މިއަހަރުގެ ނެޝަނަލް އެވޯޑް މީގެ ދެތިން ރޭ ކުރިން ބާއްވާފައިވާއިރު އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބިފައިވަނީ "ގަންގޫބާއީ ކަތިއަވަޑީ"އިން އާއްމުންގެ ސަމާލުކަން ހޯދި އާލިއާ ބަޓް އެވެ.

އާލިއާ އޭނާގެ އެވޯޑާ ހަވާލުވިއިރު ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ކަމަކީ އޭނާ ލައިގެން ހުރި ހެދުމެވެ. އެ ހަފްލާއަށް އޭނާ ލައިގެން ހުރީ މިދިޔަ އަހަރު އޮތް އޭނާގެ ކައިވެނީގައި ވެސް ލައިގެންހުރި ހެދުމެވެ.

މަޑު ރަންކުލައިގެ އެ ޖަރީ ސާރީގައި އޭނާ ގައުމީ އެވޯޑަށް ދިޔައިރު ތަފާތުކޮށް ހުރީ އެ ސާރީއާއެކު އޭނާ ބޭނުންކުރި ގަހަނާ ތަކެވެ. އެގޮތުން އެވޯޑުގައި އޭނާ ބޭނުންކޮށްފައިވަނީ އާދައިގެ "އެލެގަންޓް" ގަހަނާ ތަކެކެވެ.

މިކަން ފާހަގަކޮށް މީޑިއާއާއި އިންޓަނެޓުގައި ވެސް އެވާހަކަ ދެކެވެމުން އަންނައިރު ގިނަ މީހުން އަންނަނީ އެންމެ ދުވަހަކު ހެދުމެއް ލާފައި އެއްލާލުމަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށް ބުނެ އާލިއާއަށް ތައުރީފް ކޮށްފަ އެވެ.

މިދިޔަ އަހަރު ތެރޭގައި އާލިއާ ކައިވެނި ކޮށްފައިވަނީ ބޮލީވުޑްގެ މަޝްހޫރު އެއް އާއިލާއަށް ނިސްބަތްވާ ރަންބީރު ކަޕޫރުއާ އެވެ. ކައިވެނި ކުރިތާ މާ ގިނަ ދުވަސް ނުވަނީސް އެ ދެމަފިރިންނަށް ވަނީ އަލަތު ދަރިފުޅު ރަހާ ކަޕޫރު ލިބިފަ އެވެ.