އާންމު ގާނޫނުގެ 8 ވަނަ މާއްދާގެ 2 ވަނަ ނަމްބަރުގައި ހިމެނޭ އަމާންކަން ގެއްލޭ ވާހަކަތައް މަނާކޮށްފައި އޮތް މާއްދާ ހައި ކޯޓުން ބާތިލްކުރި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީން ހިންގި އިންޑިއާ އައުޓް ކެމްޕެއިނާ ގުޅިގެން އެ ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ގަރާރެއް ނެރެފަ އެވެ. އެ ގަރާރު ބާތިލް ކުރަން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތެރެއިން އާންމު ގާނޫނުގެ 8 ވަނަ މާއްދާގެ 2 ވަނަ ނަމްބަރުގައި ހިމެނޭ އަމާންކަން ގެއްލޭ ވާހަކަތައް މަނާކޮށްފައި އޮތް މާއްދާ ހައި ކޯޓުން ވަނީ ބާތިލް ކޮށްފަ އެވެ.
އެ ގަރާރު ބާތިލް ކުރުމަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ އާންމު ގާނޫނުގެ އެ މާއްދާ ވެސް ބާތިލް ކުރަން އެދިފަ އެވެ. ހައިކޯޓުން އޭރު ނިންމާފައި ވަނީ ރައީސްގެ ގަރާރަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ނުބެލޭނެ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ހުށަހެޅިގޮތަށް އާންމު ގާނޫނުގެ 8 ވަނަ މާއްދާގެ 2 ވަނަ ނަމްބަރުގައި ހިމެނޭ އަމާންކަށް ގެއްލޭ ވާހަކަތައް ދެއްކުން މަނާކޮށްފައި އޮންނަ މާއްދާ ބާތިލްކުރަން ހައިކޯޓުން އޭރު ހުކުމް ކުރި އެވެ. ހައިކޯޓުން އެގޮތަށް ހުކުމް ކުރީ އެ މާއްދާ ނުބައި ކަމަށް ދައުލަތުން ވެސް އެއްބަސްވުމުންނެވެ. އަދި އެ މައްދާ އިސްލާހު ކުރުމަށް ދައުލަތުން އެދިފައިވެ އެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައި ވަނީ އ ެމައްސަލަ ބަލައި ނުގަނެވޭނެ ކަމަށެވެ.
އެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމީ ހައިކޯޓުގެ އެ ނިންމުން ގޯސް ކަމަށް ބަލަންޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާތީ އެވެ. އެހެންވެ އެ މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.