ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ފޯނުން ގުޅުއްވައި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ތުރުކީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މުއިއްޒަށް އުރުދުޣާން ފޯނުން ގުޅުއްވައި، ދެއްކެވި ވާހަކަފުޅުގައި އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ހަމަލާ ހުއްޓުވުމަށާއި ފަލަސްތީނަށް އެހީ ފޯރުކޮށް ދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އުރުދުޣާން ވިދާޅުވި ކަމަށް ތުރުކީ ސަރުކާރުން ބުނެފައިވެ އެވެ.

މީގެ އިތުރުން މެދުއިރުމަތީގެ ހަމަޖެހުން ގާއިމުކޮށް ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އާ ގޮތްތަކެއް ހޯދަމުންދާ ކަމުގެ ޔަގީންކަން ވެސް އުރުދުގާން ޑރ. މުއިއްޒުއަށް ދެއްވި ކަމަށް ތުރުކީ ސަރުކާރުން ބުނެ އެވެ.

ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކަމަށް އުރުދުޣާން މަރުހަބާ ދެންނެވި ކަމަށް ވެސް ތުރުކީ ސަރުކާރުން ބުންޏެވެ.

އަނިޔާވެރި ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ބަދަލު ހިފުމެއްގެ ގޮތުން ފަލަސްތީނުގެ ހަމާސް ހަނގުރާމަވެރިން މި މަހުގެ 7 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން ކުއްލި ހަމަލާތަކުގެ ސަބަބުން އިސްރާއީލްގެ 1،200 މީހުން މަރާލައި، 100 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވާ ކަމަށް އިސްރާއީލުން ބުނެ އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުން ހާމަކުރާގޮތުގައި މި ހަނގުރާމަ ފެށުމަށް މަޖުބޫރުވީ އިސްރާއިލުގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ، އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލައި ފަލަސްތީނުގެ މުސްލިމުންނަށް ނުހައްގުން ދެމުންދާ އަނިޔާތަކުގެ ސަބަބުން ކަމުގައި އެ ޖަމާއަތުން ވަނީ ހާމަކޮށްފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ވަނީ ފަލަސްތީނުގެ 2،300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ.