ރީޖިނަލް އެއާޕޯޓްތަކުގައި ޕްރެޝާ ޕެޑް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ރީޖަނަލް އެއާޕޯޓްތަކުގައި ޕްރެޝާ ޕެޑް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ މިދިޔަ ބުރަސްފަތު ދުވަހު ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ގޭސް ސިލިންޑަރެއް ގޮވާ ބަޔަކަށް އަނިޔާވި ހާދިސާއަށް ފަހު އެވެ.
ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި ވެސް ބޭނުންކުރަމުން އަންނަ ޕްރެޝާ އިކުއިޕްމެންޓް ޑިރެކްޓިވް (ޕެޑް) ސިސްޓަމަކީ އެއާޕޯޓުތަކުގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ ޓްރެއިނިން ޑްރިލްއެއްގައި ބޭނުންކުރާ ސިސްޓަމެކެވެ. ޕްރެޝަރުގައި ރޯވެ އަނދައަނދައި ހުންނަަ އަލިފާން ނިއްވާލުމުގައި މި ތަމްރީނުތައް ކޮންމެ ތިން މަހަކުން ހަދަން ޖެހެ އެވެ. މި ޑްރިލްގައި ފަޔަމަނުން ޖެހެނީ މި ޕްރެޝާ ފެޑްގައި ރޯކުރާ ހުޅުގަނޑު ނިއްވާލާށެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު މައުރޫފް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓުގައި ގޭސް ސިލިންޑަރު ގޮވި ހާދިސާ އެ ކުންފުންޏާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ އެއާޕޯޓެެއްގައި ވެސް ޕްރެޝާ ޕެޑްސިސްޓަމް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓުގައި ގޭސް ސިލިންޑަރު ގޮވުމުގެ ސަބަބުން ހަތަރު މީހަކަށް ވަނީ އަނިޔާ ލިބިފަ އެވެ. އަދި އެތަނުން އެކަކު މިހާރު ވަނީ އިތުރު ފަރުވާއަށް އިންޑިއާ އަށް ގެންދިއުމަށް ނިންމައިފަ އެެވެ.