ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފަށް ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު އޮންނަ ޖަލްސާ އަށް އެޖެންޑާ ކުރަން މަޖިލިހުގެ އިދާރާ އިން ވަނީ ނިންމައިފަ އެވެ.

ރައީސް ނަޝީދުގެ މައްސަލަ ތާވަލް ކުރަން ނިންމާފައިވާތީ އެކަމާ ގުޅިގެން އަލީ އާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. މިފަދަ ކަންކަމަކީ ކުޅޭ ކުޅޭ ކުޅިވަރެއް ނޫން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ތިބާވަތުގެ ކަންކަމެއް ކުޅޭކުޅޭ ކުޅިވަރެއްގެ ގޮތުގައެއް ނުހެދޭނެ. އިއްޔެ އިތުބާރު ނެތް، ޖެހިގެން އައި ހަފްތާގައި އިތުބާރު އެބައޮތް، އަނެއް ހަފްތާގަ އިތުބާރެއް ނެތް" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅާފައި ވާތީ، ގަވައިދުގައި ބުނާ މުއްދަތު ދިނުމަށް ފަހު އަންނަ އެންމެ ފުރަތަމަ، ރަސްމީ ބަންދުނޫން ދުވަހަށް އެ މައްސަަލަ އެޖެންޑާކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން، އަންނަ އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މަޖިލިހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ޖަވާބުދާރީވާން އެމަނިކުފާނަށް 30 މިނެޓުގެ ފުރުސަތެއް ދިނުމަށް މަޖިލިހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފަ އެވެ.