ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ދަ ޑިމޮކްރެޓްސް އިން ވާދަކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ހ. މައިޒާންދޮށުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ދާއިރާތަކުގެ އަދަދު މަދު ކުރަން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ އިސްލާހު ފާސް ނުވެއްޖެ ނަމަ، މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެ ޕާޓިން ވަދަކުރާނެ ކަމަށެވެ.
ހަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާއިރަތައް 76 ގޮނޑިއަށް މަދު ކުރުމަށް އަދިވެސް މަސައްކަތް ކުރާނެ ކަމަށެވެ. އެ އިސްލާހު ފާސް ނުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް ވަދަކުރާނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
"އެ އިސްލާހުގައިވާ ގޮތަށް އެކަންކަން ހަމަނުޖެހި ހިނގައްޖެ ނަމަ، އަޅުގަނޑުމެން މަޖިލީހުގެ 93 ގޮނޑިއަށް ވާދަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ." ހަސަން ވިދާޅުވި އެވެ.
އިލްޔާސް ހުށަހެޅުއްވި އިސްލާހުގައި ވަނީ އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުންގެ އަދަދު އިތުރުވުން ހުއްޓުވައި އަދި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި އަދަދަކަށް ގޮނޑި ހާއްސަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށެވެ.
އިލްޔާސް ހުށަހެޅުއްވި އިސްލާހަކީ ރާއްޖޭގެ އިދާރީ ދާއިރާތަކަށް ހާއްސަ ކުރެވޭ ޖުމްލަ 55 މެންބަރުންނާއި ހުރިހާ އިދާރީ ދާއިރާއެއް ތަމުސީލުވާނޭ ގޮތަށް އިންތިހާބު ކުރެވޭ އަށް އަންހެން މެންބަރުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާ ދެ މެންބަރުން އަދި މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުގެ މަތީން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެންބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށެވެ.
ގާނޫނުއަސާސީގައި މިހާރު އޮންނަ ގޮތުން ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ ދާއިރާއަކަށް މެންބަރަކު ކަނޑައަޅަން ޖެހެެ އެވެ. އަދި އިދާރީ ދާއިރާއެއްގައި 5،000 އަށް ވުރެ މީހުން އިތުރުވާ ނަމަ، ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ވާނެ ކަމަށްވެ އެވެ.
އެހެންކަމުން އާބާދީ އިތުރުވި ނިސްބަތަށް ބަލައި، މިދިޔަ ޖުލައި މަހު އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރީ 20 ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބުކުރަން ޖެހޭ ކަމަށެވެ.