ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން އުޅެނީ މަޖިލިހުގެ ގަވައިދާ ހިލާފަށް ކަމަށާއި އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

އާޒިމް އެގޮތަށް ވިދާޅުވީ މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާ ކުރުމާ ގުޅިގެންނެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ކުރީ ގަވައިދާ ހިލާފަށް ކަމަށާއި އެ ބާވަތުގެ ކަންކަން ކުޅޭ ކުޅިވަރެއްގެ ގޮތުގައި ނުހެދޭނެ ކަމަށެވެ.

"އިއްޔެ އިތުބާރު ނެތް، ޖެހިގެން އައި ހަފްތާގައި އިތުބާރު އެބައޮތް. އަނެއް ހަފްތާގައި އިތުބާރެއް ނެތް. ތިކަމެއް ތިގޮތަކަށް ނުވާނެ،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅާފައި ވާތީ، ގަވައިދުގައި ބުނާ މުއްދަތު ދިނުމަށް ފަހު އަންނަ އެންމެ ފުރަތަމަ، ރަސްމީ ބަންދުނޫން ދުވަހަށް އެ މައްސަަލަ އެޖެންޑާކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން، އަންނަ އާދިއްތަ ދުވަހުގެ ަޖަލްސާ އަށް އެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މަޖިލިހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ޖަވާބުދާރީވާން އެމަނިކުފާނަށް 30 މިނެޓުގެ ފުރުސަތެއް ދިނުމަށް މަޖިލިހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ނަޝީދު ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލާގެ ނޯޓިސް މީގެކުރިން ވަނީ އެމަނިކުފާނަށާއި މެމްބަރުންނަށް ފޮނުވައިފަ އެވެ. މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުކަން ކުރައްވާ ނަޝީދު ވަކިކުރުމުގެ ގަރާރުގެ ނޯޓިސް އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ ގަވާއިދާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް ވެސް އެ އިދާރާއިން ކުރިން ބުނެފައިވެ އެވެ.

ގަރާރު ބަލައިގަނެ، ނޯޓިސް ފޮނުވާފައި ވަނީ އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމާ މެދު ނަޝީދު ސުވާލު އުފައްދަވާފައިވާ ވަނިކޮށެވެ.

އެއީ، ދައުރެއްގެ ތެރޭގައި އެއް ގަރާރެއް ދެ ފަހަރަށް ހުށަހެޅި ދާނެ ކަމާ މެދު އެ މަނިކުފާނު އުފައްދަވާފައިވާ ސުވާލެކެވެ. އެ ސުވާލު އުފެދުނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މީގެ ކުރިން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

މީގެ ކުރިން ނަޝީދު ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި އޮއްވައި، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެމްޑީޕީން ވަނީ އެ ގަރާރު އަނބުރާ ގެނެސްފަ އެވެ. ގަރާރު އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނަޝީދުގެ އެއްބާރުލުން ލިބޭނެ ކަމަށް ބަލައިފަ އެވެ.

މަޖިލިސް ގަވާއިދުގައިވާ ގޮތުގައި ނޯޓިސްގެ މުއްދަތު، 14 ދުވަސް ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންޖެހެއެވެ. އެއީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓެވެ. އެ އަދަދަށް ވުރެ އިތުރަށް އެމްޑީޕީގައި މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 56 އެވެ.