ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ފުރިހަމަ އިންކުއަރީ ރިޕޯޓު ހޯދަން ރައްޔިތުންގެ މަޖިލީހުގައި އާންމުންގެ މީހަކު އެދިފައިވީ ނަމަވެސް އެ ރިޕޯޓު ނުދޭން މަޖިލީހުގެ 241 ކޮމެޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ފުރިހަމަ އިންކުއަރީ ރިޕޯޓު ހޯދަން އާންމުންގެ މީހަކު މި މަހުގެ 19 ވަނަ ދުވަހު ވަނީ މަޖިލީހުގައި އެދިފަ އެވެ.

މަޖިލީހުގެ 241 ކޮމެޓީން މިއަދު ވަނީ އެކަމާ ގުޅެގޮތުން ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ނަޝީދަށް ދިން ހަމަލާގެ ފުލް އިންކްއެރީ ރިޕޯޓުގައި ކުރިން ވެސް ސިއްރުކޮށްފައިވާ މައުލޫމާތުތައް އެގޮތުގެ މަތިން ބޭއްވުމަށާއި ފުރިހަމަ ރިޕޯޓް އާންމު ނުކުރުމަށެވެ.

ސިއްރު ކުރި މައުލޫމާތުތަކާ އެކު ރިޕޯޓު އާންމު ކުރުމަށް އާންމުންގެ މީހަކު އެދިފައި ވަނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅި ރައިޓް ޓު އިންފޮމޭޝަން ފޯމު މެދުވެރިކޮށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން މޭ 6، 2021 ގައި ދިން ހަމަލާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީން އެކުލަވައިލި ރިޕޯޓު ޖުލައި 21 ގައި އާންމު ކޮށްފައި ވަނީ ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތައް ސިއްރު ކުރުމަށް ފަހު އެވެ.