އެމްޑަބްލިޔުއެސްސީން އއ. ފެރިދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފި އެވެ.

އއ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ޕްލޭނިން މިނިސްޓްރީ، ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެ ރަށަށް ވަޑައިގެންނެވެ.

މި މަޝްރޫޢުގެ ދަށުން، ފެރިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. މީގެ އިތުރުން، ފެންރައްކާ ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން ވެސް ވަނީ އަޅައިފަ އެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދެވިގެން ދާނެ އެވެ.

ފެރިދޫގައި ގާއިމްކޮށްފައިވާ އާރޯ އިމާރާތް... ފޮޓޯ: އެމްޑަބްލިޔުއެސްސީ

އއ. ފެރިދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 69.32 މިލިއަން ދިވެހި ރުފިޔާ އެވެ. މި މަޝްރޫޢުގެ ސަބަބުން ފެރިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ އެވެ.