އެކި ގައުމުތަކުގައި އުޅޭ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީދޭ ދިވެހި ޖަމިއްޔާއެއް ކަމަށްވާ، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މަކަރާއި ހީލަތް ހަދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް އެ ޖަމިއްޔާ އިން ރައްދު ދީފި އެވެ.

އެހީގެ ގޮތުގައި އެކިފަރާތްތަކުން ދެމުން އަންނަ ފައިސާ އަށް އައިއޭސީން ހިޔާނާތްތެރި ވަމުން އަންނަ ކަމަށާއި އެ ޖަމިއްޔާގެ ބައެއް މީހުންގެ އަމިއްލަ އެކައުންޓަށް ޖަމާކުރަމުން އަންނަ ކަމަށް އެކްސްގައި އިއްޔެ ބައެއް މީހުން ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.

އައިއޭސީން މަކަރާއި ހީލަތް ހަދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ޖަމިއްޔާ އިން ބުނެފައި ވަނީ އެ ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ޖަމިއްޔާގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ޕީއާރު އަޒްހަދު މުހައްމަދު ވިދާޅުވީ ކާކުކަން ނޭނގޭ ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކަށް ރައްދު ދިނުމަކީ ޖަމިއްޔާގެ ޕޮލިސީއެއް ނޫން ކަމަށެވެ.

އައިއޭސީ އިން ދިވެހީންގެ ނަމުގައި ގައްޒާގައި އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ އައިއޭސީ

އަޒްހަދު ވިދާޅުވީ އެހީގެ ގޮތުގައި ލިބޭ ފައިސާ އޭގެ ހައްގުވެރީންނަށް އަމާނާތްތެރިކަމާ އެކު ރައްދުކޮށްދޭ ކަމަށެވެ. އެއްވެސް ކަމެއް އޮޅުވާލައިގެން ނުގެންދާ ކަމަށާއި ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަނީ ދެފުއްފެންނަ ގޮތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއޭސީ އަކީ ދުނިޔޭގެ އެކި ހިސާބުތަކުއި ހަނގުރާމަވެރި ސަރަހައްދުތަކާއި، މީހުން ހާލުގައި ޖެހިފައިވާ އަދި އެހީތެރިކަން ބޭނުންވާ ސަރަހައްދުތައް ފާހަގަކޮށް އެ ފަރާތްތަކަށް ބޭނުންވާ ފަންޑު ހޯދައި އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެކެވެ. އެގޮތުން ސީރިޔާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެނާއި، ގެދޮރު ބިނާކޮށްދިނުން އަދި އެ ނޫން ވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެ އެވެ.

އައިއޭސީން މިހާރު ވެސް ގެންދަނީ ފަލަސްތީނުގައި ދިވެހީންގެ ނަމުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

އައިއޭސީ އަކީ ދިވެހީންގެ އިތުބާރު ލިބިފައިވާ ޖަމިއްޔާ އެކެވެ. ހުރިހާ ދިވެހިން ވެސް މިހާރު ފަލަސްތީނަށް އެހީ ފޯރުކޮށްދެމުން އަންނަނީ އައިއޭސީ މެދުވެރިކޮށެވެ.