ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ހިމެނޭ މީހުންގެ ޝަރީއަތް ކުރިއަށްދާލެއް ލަސް ކަމަށް އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ރާއްޖެ އިން ބޭރުގެ މަންދޫބު އައްބާސް ފާއިޒް މިއަދު ވިދާޅުވެއްޖެ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

މިމައްސަލާގައި ހިމެނޭ އަދުހަމަށް ކުރި ދައުވާތަކުގައި މިހާރު ވަނީ ހުކުމާހަމައަށް ގޮސްފައިވެ އެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.

ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވީ މިމައްސަލައިގެ ޝަރީއަތް ކުރިއަށް ދަނީ ދާންވާ ބާރުމިނުގައި ނޫން ކަމަށާ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މައްސަލައިގެ ޝަރީއަތް ލަސްވާތީ ކްރިމިނަލް ކޯޓުގެ ރަޖިސްޓަރާއާ ކަންބޮޑުވުން ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އެ ޝަރީއަތް ކުރިއަށް ދިއުން ލަސްވުމުން އެކަމުގެ ކަންބޮޑުވުންކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާކޮށްފައި ވާނެ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން ކްރިމިނަލް ކޯޓުގައި ހިއްސާ ކުރުމުން ޝަރީއަތްތައް ލަހުން ޝެޑިއުލް ކުރަން ޖެހެނީ ކޯޓުގެ ޖާގައިގެ ދަތިކަމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވި ގޮތުގައި ރަނގަޅަށް މެނޭޖް ކުރެވިއްޖެ ނަމަ ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ތަނުގެ ޖާގައިގެ ދަތިކަމުން ޝަރީއަތްތައް ލަސްވުމަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިމައްސަލާގައި ހިމެނޭ ފަހުމީއަށް ތުހުމަތު ކޮށްފައިވަނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ.

އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލީ އަދުހަމް އެވެ. މި މައްސަލާގައި އަދުހަމަށް ކުރި ދައުވާތަކުގައި މިހާރު ވަނީ ހުކުމާހަމައަށް ގޮސްފައިވެ އެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.