ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފި އެވެ.

އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހުގެ 26 ގަ އެވެ. އެމުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ. ނަމަވެސް މިމުއްދަތު މިމަހުގެ 31ގެ ނިއަލަށް އިސްލާމިކް މިނިސްޓްރީން ވަނީ އިތުރުކޮށްފަ އެވެ. އެ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ އެކަމަށް ގިނަ ބަޔަކު އެދިގެންދާތީ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިމަހު 31ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9 އަކުން މެންދުރުފަހު 1 އަކަށް، ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދެނީ އެ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް ކަމަށެވެ. އަދި މިހާރު ހުއްދައަށް ހުޅުވާލާފައިވާއިރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކަށް ވެސް މިކަމަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ވެސް ހުއްދައަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ ނުވަ ވަނަ މާއްދާގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމަށް ކޮންމެ މީލާދީ އަހަރަކު ދެ ފަހަރު އިއުލާންކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.