މާލިއްޔަތު ގާނުނުގައި ބުނާ ޝަރުތުތައް ފުރިހަމަ ކުރުމަށް ފަހު ސަޕްލިމެންޓްރީ ބަޖެޓް އަލުން ހުށައެޅުމަށް ފިނޭންސް މިނިސްޓްރީ އަށް ރައްޔިތުންގެ މަޖިލީހުން އަންގައިފި އެވެ.
މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށް، އިތުރު 6.5 ބިލިއަން ރުފިޔާ ހަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގައި ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ އެ މައުލޫމާތުތައް ފުރިހަމަކޮށްފައި އަލުން ހުށައެޅުމަށް ފޮނުއްވާފައިވާ ކަމަށެވެ.
މާލިއްޔަތު ޤާނޫނުގައި ބަޔާން ކުރާގޮތުގައި، ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާ ނަމަ ޤާނޫނުގައި ބަޔާންކުރާ ގޮތަށް ބަޖެޓު ތައްޔާރުކުރުމަށް ފަހު އެ ފައިސާއެއް ނުވަތަ އެ ބަޖެޓެއް ބޭނުންވާ ދުވަހެއްގެ އެއް މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި އެ ހުށަހަޅާ ބަޖެޓުގައި ދައުލަތުން ހިނގާނެ ކަމަށް ލަފާކުރާ ހަރަދާއި، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބު ހިމަނަންވާނެ ކަމަށް މާލިއްޔަތު ޤާނޫނުގައިވެ އެވެ. އަދި ރިކަރަންޓު ހަރަދާއި ކެޕިޓަލް ޚަރަދުގެ ޚުލާސާ ވެސް ބަޖެޓުގައި ހިމަނަންވާނެ ކަމަށް މާލިއްޔަތު ގާނޫނުގައި ބަޔާންކުރެ އެވެ. ނަމަވެސް ފިނޭންސް އިން މަޖިލީހަށް ފޮނުއްވި ސަޕްލިމަންޓްރީ ބަޖެޓުގައި ހަމަނުވަނީ ކޮން ޝަރުތެއް ކަމެއް ސާފެއް ނުވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މަޖިލީހަށް ހުށަހެޅުއްވި ސަޕްލިމަންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅައިފައި ވަނީ ޕީއެސްއައިޕީ އާއި އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަންއަށް ކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށް އިއްޔެ އެޖެންޑާ ކުރެވުނު ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އިއްޔެގެ ޖަލްސާ ބޭއްވިފައެއް ނުވެ އެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ވެސް މި މަހުގެ ތެރޭގައި މަޖިލިހަށް ހުށަހަޅާނެ އެވެ.