ފަލަސްތީނުގެ ބިމަށްވެރިވެގަނެގެން އުޅޭ އިޒްރާއީލުގެ ފަތުރުވެރިންނަށް ރާއްޖެ އައުން މަނާ ކުރުމަކީ މިއަދު ދިވެހި ހުރިހާ ރައްޔިތުންގެވެސް އެދުމެވެ. އެހެން ނަމަވެސް މިއަޑު ސަރުކާރަކަށް އަދި ނީވެ އެވެ. އިޒްރާއީލުން ގާޒާއަށްދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް ބަޔާނެއް ނެރުން ނޫން ވަރެއް އަދި ނުކުރެ އެވެ.

ފަލަސްތީނާއި އެކު ދިވެހީން ތިބިކަން ދައްކުވައިދޭން ކޮންމެ ހުކުރު ދުވަހަކު ރާއްޖޭގައި ހިނގާލުމެއް ބާއްވަ އެވެ. މިހިނގާލުމުގައިވެސް ސަރުކާރަށް ރައްޔިތުން ގޮވާލަނީ އިޒްރާއީލު މީހުން ރާއްޖެއައުން މަނާ ކުރުމަށެވެ. އިޒްރާއީލު މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަކީ މިސަރުކާރު ނިމެން މިދާ ކުޑަ ދުވަސްކޮޅު ތެރޭވެސް މިވަގުތައް ކޮށްދެވޭނެ ވަރަށް ބޮޑުވަރެވެ.

ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްރާއީލުން ރާއްޖެ އެތެރެވުން ހުއްޓުވާ އެމީހުންގެ ޕާސްޕޯޓު ރާއްޖެއިން މަނާ ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެއްވެސް ގެއްލުމެއް ލިބޭނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

އިޒްރާއީލުން ފަލސްތީނުގެ ގާޒާ އަށް މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތައް މެދު ނުކެނޑި މިއަދާ ހަމައަށްވެސް އަންނަނީ ދެމުންނެވެ. އެހަމަލާތަކުގައި މިހާތަނަށް 6500 މީހުން ޝަހީދުކޮށްލާފައިވެ އެވެ. އިޒްރާއީލުން ގާޒާ އަށް ދެމުންގެންދާ ހަމަލާތައް މުސްލިމް ހުރިހާ ގައުމުތަކަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ. ދިވެހިރާއްޖެއިންވެސް ވަނީ އެހަމަލާތައް ކުށްވެރިކޮށްފަ އެވެ.

ފަލަސްތީނަށް ދިވެހިން ކުރާ ތާއީދު ދައްކާލަން މިިދިޔަ ހުކުރު ދުވަހު ބޭއްވުނު އެއްވުމުގެ ތެރެއިން

ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހީން ދަނީ ފަލަސްތީނާ އެކު ތިބިކަން ދައްކުވައިދެމުންނެވެ. މުޅި ދިވެހި ރައްޔިތުން ގެންދަނީ އިޒްރާއީލު ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ. އަދި ރާއްޖެއަށް އިޒްރާއީލުގެ ފަތުރުވެރިން އެތެރެވުން މަނާ ކުރުމަށާ އިޒްރާއީލުގެ އުފެއްދުންތައް ރާއްޖެ އެތެރެ ކުރުން މަނާ ކުރުމަށް ގޮވާލަމުންނެވެ. އެހެން ނަމަވެސް މިއިން އެއްވެސް ގޮވާލުމަކަށް ސަރުކާރުން އަދި އިޖާބަ ދީފައެއް ނުވެ އެވެ.

އިޒްރާއީލުގެ ރައްޔިތުން ދިވެހިރާއްޖެ އަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ގަރާރެއް ހުށަހަޅާފަ އެވެ. އެގަރާރު ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.

ސައުދު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާމެދު ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށާއި، އިޒްރޭލުގެ އުފެއްދުންތަކާ އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރުމަށެވެ.

އެގަރާރާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައިވެސް ވަނީ ވަރުގަދަ ބަހުސެއް ކޮށްފަ އެވެ. ބަހުސްގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ސަރުކާރަށް ގޮވާލީ އިޒްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށެވެ.

ފަލަސްތީނަށް ދިވެހިން ކުރާ ތާއީދު ދައްކާލަން މިިދިޔަ ހުކުރު ދުވަހު ބޭއްވުނު އެއްވުމުގެ ތެރެއިން ފޮޓޯ: އައިއޭސީ

ދިވެހިރާއްޖެއަކީ ފަތުރުވެރި ކަމަށް ބަރޯސާވާ ގައުމަކަށް ވާއިރު ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ޔަހޫދީ އިޒްރާއީލުގެ ފަތުރުވެރީން ރާއްޖެ އާދެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ އައި އިޒްރާއީލު މީހުންގެ އަދަދު 15000 މައްޗަށް އަރަ އެވެ. ރާއްޖެ އަންނަ އިޒްރާއީލުގެ ގިނަ ފަތުރުވެރިން ތިބެނީ މީހުން ދިރިއުޅޭ ރަށްރަށުގަ އެވެ. އެއީ ރާއްޖެ އަންނަ އިޒްރާއީލުގެ ފަތުރުވެރިންނަކީ ރާއްޖެއަށް ރާޅާ އަޅަން އަންނަ މީހުންނަށްވާތީ އެވެ. މިމީހުންގެ ކިބައިން ދިވެހީންނަށް ޖެއްސުން ކުރުމާ ފަލަސްތީނު ރައްޔިތުންނަށް އެއްޗެހި ކިޔުން ފަދަ ބޭއަދަބީ ކަންކަން ފެނެ އެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމަކަށް އަދި ފިޔަވަޅެއް ނާޅައެވެ.

އިސްރާއީލުގެ ރާޅާއަޅަން އަންނަ ފަތުރުވެރިންގެ ފަރާތުން އެތަކެއް ނޭދެވޭ އަމަލުތަކެއް ރާއްޖޭގެ ރާޅާ އެޅުންތެރިންނަށާއި އެހެން ގައުމުތަކުގައި ރާޅާ އެޅުންތެރިންނަށް ކުރިމަތިވަމުން އަންނަ ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ވަނީ ބުނެފަ އެވެ. އަދި އެކަންކަން ބަލައި ދިނުމަށް ކަމާ ބެހޭ އިދާރަތަކުގައިވެސް ވަނީ އެދިފަ އެވެ.

އިސްރާއީލުގެ ފަތުރުވެރިން ރާއްޖެ އެތެރެވުން މަނާކުރުމަށް އެމްބީބީއޭ އިނވެސް ދަނީ ސަރުކާރަށް ގޮވާލަމުންނެވެ. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ސަރުކާރަށް ގޮވާލަމުން ދަނީ ރައްޔިތުންގެ އަޑު އަހާ އިޒްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށެވެ.

އިޒްރާއީލު ފަތުރުވެރިން ރާއްޖެ އެތެރެވުން މަނާ ކުރުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަސަރެއް ކުރާނެ ކަމަކަށް ގެސްޓު ހައުސް ވިޔަފާރީގައި މަސައްކަތް ކުރާ މީހުން ގަބޫލުލެއް ނުކުރެ އެވެ. އަދި ދިވެހި ރައްޔިތުންވެސް ގަބޫލެއް ނުކުރެ އެވެ. އެހެންވީމާ ސަރުކާރުން މަޑުން ނޯވެ އިޒްރާއީލު ޕާސްޕޯޓު މަނާ ކުރަންވީ އެވެ. މިއީ ދިވެހީން މިވަގުތު ސަރުކާރު ކިބައިންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކިބައިން އެދެމުންދާ ވަރަށް ބޮޑު އެދުމެވެ.