މާލިއްޔަތު ގާނުނުގައި ބުނާ ޝަރުތުތައް ފުރިހަމަ ކުރުމަށް ފަހު ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް އަލުން ހުށައަޅައިފި އެވެ.

ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާތީ، އެކަންކަން ފުރިހަމަކުރުމަށް ފަހު އަލުން ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފިނޭންސް މިނިސްޓްރީއަށް ވަނީ އަންގައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މާލިއްޔަތު ގާނޫނު އިސްލާހު ކުރި އިރު، ޕްރޮގްރާމް ބަޖެޓް ހުށަހަޅަންޖެހޭ ގޮތަށް އިސްލާހުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބަޖެޓް ތައްޔާރުކޮށްފައި ވަނީ އެގޮތަށް ކަމަށާއި، މަޖިލީހުން އިތުރަށް ބޭނުންވާ މައުލޫމާތު ހިމެނުމަށް ފަހު އަލުން ސަޕްލިމެންޓްރީ ބަޖެޓް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް، ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާ އެވެ. އޭގެތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މި އަހަރު ތެރޭގައި ޚަރަދުވާނެކަމަށް ބެލެވޭތީ ކަމަށެވެ.

ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފަ އެވެ.