ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ލަސްވުމަކީ އަދުލު އިންސާފުގެ ނިޒާމާ ދޭތެރޭ އެތަކެއް ސުވާލެއް އުފެދޭ ކަމެއް ކަމަށާއި ލަސް ނިޔާއަކީ ނިޔާ ނުލިބުން ފަދަ ކަމެއް ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ.

އެ މައްސަލަ އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އެކަމަކު، އެކިއެކި ސަބަބުތަކާ ހުރެ އެ މައްސަލައިގެ އިސްތިއުނާފު ވަނީ ހައި ކޯޓުގައި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ. އަދި ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނުނިމި ލަސްވާތީ އެމަނިކުފަނުގެ ގާނޫނީ ޓީމުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލް ޑރ. ޖަމީލް މިއަދު ފޭސް ބުކްގައި ވިދާޅުވީ ޕީޕީއެމްގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު ޕާޓީގެ ރައީސް، ރައީސް ޔާމީން ނުހައްގު ހުކުމެއްގައި އަދިވެސް ހުންނެވީ ބަންދުގައި ކަމަށާ މިއީ ދިވެހި ތާރީހުގައި މިފަހުން ވެރިޔަކަށް ނުލިބޭވަރުގެ ބޮޑު އަނިޔާއެއް ކަމަށެވެ.

ރައްޔިތުންނަށްޓަކައި ރައީސް ޔާމީން ޖަލުގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަނިޔާއާ ކުރިމަތިލައްވައި، ވެރިކަން މިހާރު ބަދަލުކޮށްފައިވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފު ލަސްވުމަކީ އަދުލު އިންސާފުގެ ނިޒާމާ ދޭތެރޭ އެތަކެއް ސުވާލެއް އުފެދޭ ކަމެއް ކަމަށާ ލަސް ނިޔާއަކީ ނިޔާ ނުލިބުން ފަދަ ކަމެއް ކަމަށެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތީން ތާވަލު ކުރި މައްސަލަ ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެ ދެ ފަހަރު ވެސް މައްސަލަ ތާވަލުކުރުމަށް ފަހު ކެންސަލް ކޮށްފައި ވަނީ ޕީޖީ އޮފީހުން އެދިގެންނެވެ. ޕީޖީ އޮފީހުން އެދިގެން އަޑުއެހުން ކެންސަލް ކުރީ ޕީޖީގެ ވަކީލުން ޓްރެއިނިން އެއްގައި މާލެއިން ބޭރުގައި އުޅުމުން ކަމަށް ބުނެ އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ޕީޖީގެ ވަކީލުން މިހާރު މާލޭގައި އެބަތިބި ކަމަށާއި ދެން ބާއްވާ އަޑުއެހުންތަކުގައި ބައިވެރިވާނެ ކަމަށެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުން ކެންސަލް ކުރީ ޕީޖީގެ ވަކީލުން ބަލިވެ އުޅުމާއި އާއިލީ ޒިންމާގެ ޗުއްޓީގައި އުޅުއްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ބާއްވާ އަޑުއެހުންތަކުގައި ބައިވެރިވެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭގެ ފަހުން ބޭއްވި އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.