މި ސަރުކާރުގެ "ގެދޮރުވެރިން" ޕްރޮގްރާމުގެ ދަށުން ހިންގާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ އެޕްލިކޭޝަންތައް ބާތިލް ނުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ދިރިއުޅޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު އެގޮތަށް ވިދާޅުވި އިރު، ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގެ މުއްދަތު ހަމަވިއިރު، 40،000 މީހުން ވަނީ ފޯމު ހުށަހަޅައިފަ އެވެ. އެއީ ފްލެޓަށް ކުރިމަތިލާން ހުށަހެޅީ 21،247 ފޯމާއި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން ހުށަހެޅީ 19،347 ފޯމެވެ. މި ސަރުކާރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، މި މީހުންނަށް ލިޔުން ހަވާލުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސަރުކާރުން ނުބުނެ އެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހެޅި އެއްވެސް ރައްޔިތަކަށް ނިކަމެތިކަމެއް ނުލިބޭނެ ކަމަށެވެ. ގެދޮރުވެރިކަމަކީ ކުރިއަށް އޮތް ވެރިކަމުގައި އެންމެ މުހިންމު ސިޔާސަތުކަން ކެމްޕެއިން ތެރޭގައި ވެސް ތަކުރާރުކޮށް ދަންނަވާފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ، ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއްގެ ސަބަބުން ރައްޔިތުންނަށް އުންމީދެއް ލިބިފައިވާ އެއްވެސް ކަމެއް ބާތިލް ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު، މިހާރަށް ވުރެ ރަނގަޅަށް ގިނަ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ބައްޓަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް އަލުން ހުށަހަޅަން ޖެހޭ ކަހަލަ ގޮތެއް މެދުވެރިޔަކަ ނުދޭނަން. އެކަމަކު، މިހާރަށް ވުރެ ރަނގަޅަށް މިހާރަށް ވުރެ އިންސާފުވެރިކޮށް ގިނަ ރައްޔިތުންނަށް އޭގެން އެންމެ ފައިދާ ވާނެ ގޮތަށް ކަންކަން ބައްޓަން ކޮށްދޭނަން. އިތުރަށް ފުރިހަމަ ކުރެވޭނެ ކަންކަން ހުރި ނަމަ ރައްޔިތުންނަށް އޭގެން އެންމެ އިންސާފުވެރިވާނެ ގޮތަށް ފުރުސަތު ދޭނަން." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން އެއްކޮށް ޕްރޮސެސް ނިންމާ ފައިނަލް ލިސްޓް ނެރެ ރައްޔިތުންނާ ހަމައަށް ގެނެސްދީފި ނަމަ، އެ ގެންދިޔަ ހިސާބެއްގައި ހިފަހައްޓަވާނެ ކަމަށެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ހިމެނުނީ 18،955 މީހެކެވެ. ފްލެޓަށް ހުށަހެޅި 20،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި ހިއްކާފައި ހުރި ބިންތަކުން ގޯތި ކަނޑައި ބައެއް މީހުންނަށް ދީފައިވެ އެވެ.