ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު މިއަދަށް އެޖެންޑާ ކުރުމަށް ފަހު އެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގުމުން އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް، މަޖިލީހުގެ ރިޔާސަތު މޭޒުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާއަށް ސަލާމް ފޮނުއްވުމުމުންނެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދުގައި ހަވާލުކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސަށެވެ.

ޖަލްސާ ނުބޭއްވޭނެކަން އަމީންއާއްމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވުމާ އެކު، އެމްޑީޕީގެ މެންބަރުން ވަނީ މަޖިލިސް ރިޔާސަތު ހުންނަ މޭޒު ކުރިމައްޗަށް އެއްވެ ނުރުހުން ފާޅުކޮށްފަ އެވެ.

މަޖިލީހުގައި އެމްޑީޕީ މެންބަރުން ކުރި އިހުތިޖާޖުގެ ތެރެއިން މަޖިލީހުގެ ރިޔާސަތު މޭޒުގައި ހުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި މަޖިލީހުގެ އަމީންއާއްމުގެ ފޯނު ވެއްޓި ފޯނު ވެސް ވަނީ ހަލުކުވެފަ އެވެ.

އެމްޑީޕީ މެންބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަނީ

ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ގޮތުގައި، އަޑުގަދަ ކުރައްވަމުން އަތް އުއްކަވައި މޮނިޓަރަށް ގެއްލުންދެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ. މޮނިޓަރުގައި ހިފުމާއެކު އެ ތަނުގައި ހުރި ފެންތަށި ބަންޑުންވާ ތަން ވީޑިއޯއިން ފެނެ އެވެ.

މަޖިލީހުގެ ޖަލްސާ ނިންމާލުމުން ވެސް އެމްޑީޕީ މެންބަރުން ތަޅުމުން ނުނިކުންނަވާ އިހުތިޖާޖުގައި ތިއްބެވި އެވެ. އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ރިޔާސަތަށް ހާއްސަ ގޮނޑިކޮޅުގައި އިށީދެވަޑައުގެންފަ އެވެ. އެމްޑީޕީ މެންބަރުން ވަނީ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ އިސްތިއުފާ އަށް ވެސް ގޮވާލައި އަޑު އުފުލައިފަ އެވެ.

ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ބުނެފަ އެވެ. އެމްޑީޕީ މިހާރު މަސައްކަތް ކުރަމުން އަންނަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ.