ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު މިއަދަށް އެޖެންޑާ ކުރުމަށް ފަހު ޖަލްސާ ކުރިއަށް ނުގެންދަން ނިންމުމުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރައްވައި މަޖިލީހުގެ ރިޔާސަތު މޭޒުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލަ ދަ ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފި އެވެ.
ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނީ އެކަން އަމީން އާާއްމު ފާތިމަތު ނިއުޝާ އިއުލާނު ކުރެއްވުމާ އެކު އެމްޑީޕީގެ މެމްބަރުން އިދާރީ މޭޒު ކައިރިއަށް އެއްވެ، އެ މުވައްޒަފުންނާ ދިމާކޮށް ހަޑިހުތުރު އެއްޗެހި ގޮވައި އެ ބޭފުޅުންގެ ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށެވެ.
އެގޮތުން މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް ރިޔާސަތުގެ ސަރަހައްދަށް ވަންނަވައި ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނަވައި ގަވާއިދާ ހިލާފުވެވަޑައިގެންނެވި ކަމަށާއި ކައުންސެލް ޖެނެރަލް ފިލްޒާ ބޭނުންކުރައްވާ ކޮމްޕިއުޓާ ސިސްޓަމް ވައްޓާލައި މޯބައިލް ފޯނަށާއި އަތް ދަބަހަށް އަމާޒުކޮށް ފެން ޖަހައި އެތަކެއްޗަށް ގެއްލުން ކަމަށް ވެސް ޑިމޮކްރެޓްސްގެ ބަޔާނުގައިވެ އެވެ.
"އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ދިމާކޮށް އެބޭފުޅުންގެ ތަކެއްޗަށް ގެއްލުންދިނުމާއި މަޖިލީހުގެ ރިޔާސަތުގެ ސަރަހައްދަށް ވަދެ، ރިޔާސަތުގެ ގޮނޑިކޮޅުގައި ގަވާއިދާ ހިލާފަށް އިށީނުން ފަދަ ނާތަހުޒީބީ އަމަލުތައް ނުހިންގުމަށް މި ޕާޓީން ގޮވާލަމެވެ. އަދި އެ އަމަލުތަކުގައި ޖިނާއީ ކުށެއް އެކުލެވޭ ނަމަ، އެކަން ބައްލަވައިދެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ." ޑިމޮކްރެޓްސް އިން ބުނެފައި ވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާއަށް ސަލާމް ފޮނުއްވުމުމުންނެވެ.
މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދުގައި ހަވާލުކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސަށެވެ. ޖަލްސާ ނުބޭއްވޭނެކަން އަމީންއާއްމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވުމާ އެކު، އެމްޑީޕީގެ މެންބަރުން ވަނީ މަޖިލިސް ރިޔާސަތު ހުންނަ މޭޒު ކުރިމައްޗަށް އެއްވެ ނުރުހުން ފާޅު ކުރައްވައިފަ އެވެ.