ބިގް ބޮސްގެ 17 ވަނަ ސީޒަން ފަށައިގެން ދެ ހަފްތާ ވެގެން ގޮސްފައިވާއިރު މިފަހަރުގެ ސީޒަންގައި އެންމެ ފުރަތަމަ ޝޯއިން ވަކިވެގެން ގޮސްފައިވަނީ ސޯނިއާ ބަންސަލް އެވެ.

މިހަފްތާގައި ސޯނިއާ ބިގްބޮސް ގެއިން ބޭރުވެގެން ގޮސްފައިވާއިރު، ވައިޓް ކާޑް ގޮތުގައި މިޝޯއާ ދެ ބައިވެރިޔަކު ވަނީ ގުޅިފަ އެވެ.

އެގޮތުން މިހާރު ވެސް ބިގްބޮސް ގޭގައި ހުރި ޓީވީ ބަތަލާ އިޝާ މަލްވިޔާ ލޯބިވެރިޔާ ކަމަށް ބުނާ ސަމާތު ޖުރެލް ވަނީ ޝޯއާ ގުޅިފަ އެވެ. ސަމާތު ބިގްބޮސް ގެއަށް ވަނުމާއެކު އިޝާ އަށް ހައިރާކަމެއް ލިބިގެންދިޔައިރު އިޝާ އާއި ކުރީގެ ލޯބިވެރިޔާ އަބީޝޭކް ކުމާރަށް ވަނީ އިތުރު ހައިރާކަމެއް ލިބިގެން ގޮސްފަ އެވެ. އެހެން ނަމަވެސް އިޝާ ބުނާ ގޮތުގައި މި ދެމީހުންނަކީވެސް އޭނާގެ އެކުވެރިންނެވެ. އޭނާގެ ލޯބިވެރިންނެއް ނޫނެވެ.

މީގެ އިތުރުން ބިގްބޮސް އަލަށް ގުޅުނު އަނެއް ބައިވެރިޔަކީ މަނާސްވީ މަމްގައި އެވެ.

މިފަހަރުގެ ސީޒަން ވެސް ހޮސްޓުކުރަނީ ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާނެވެ. މިއީ ސަލްމާން ހޮސްޓުކުރާ ބިގް ބޮސްގެ 14 ވަނަ ސީޒަނެވެ. ސަލްމާންގެ އިތުރުން ކޮންމެ ހަފްތާއެއްގައި އާދިއްތަ ދުވަހު ގެނެސްދޭ އެޕިސޯޓްގައި ހޯސްޓްގެ ގޮތުގައި އަރްބާޒް ހާނާއި ސުހައިލް ހާން ފެނިގެންދާނެ އެވެ.

މިފަހަރުގެ ސީޒަންގައި ބައިވެރިވާ އިތުރު ބައިވެރިންނަކީ އަންކިތާ ލޮކާންޑޭ އާއި އޭނާގެ ފިރިމީހާ ވިޔަފާރިވެރިޔާ ވިކީ ޖެއިން އާއި ޓީވީ ޑްރާމާތަކުގައި މަޝްހޫރު އެކްޓަރު ނީލް ބަޓް އާއި އޭނާގެ އަންހެނުން ޓީވީ ބަތަލާ އައިޝްވާރިޔާ ޝަރްމާ ވެސް މިފަހަރުގެ ސީޒަންގައި ބައިވެރިވެ އެވެ.

މީގެ އިތުުރުން މަންނަރާ ޗޯޕްރާ، މުނައްވަރު ފާރުގީ، ނަވިދު ސޯލް، އަނޫރާގު ދޯބަލް، ސަނާ ރައީސް ހާން، ޖިގްނާ ވޯރާ، ފިރޯޒާ ހާން، ސަނީ އާރްޔާ، ރިންކޫ ދާވަން، އަރުން ސްރީކާންތު މަހާޝެޓީ، އަބީޝޭކް ކުމާރު އަދި އިޝާ މަލްވިޔާ އެވެ.

ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަސައްކަތް ކުރާ މަންނަރާ ޗޯޕްރާ އަކީ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ޕަރިނީތީ ޗޯޕްރާގެ ބައްޕަ ފަރާތު ކަޒިންއެކެވެ. ސަނާ ރައީސް ހާން އަކީ ޝާހްރުކް ހާންގެ ދަރިފުޅު އަރްޔަން ހާންގެ ޑްރަގް ކޭސް އާއި އަދިވެސް އިންޑިއާގެ ވަރަށް ހައި ޕްރޮފައިލް ކޭސްތަކުގައި މަސައްކަތް ކުރި ވަކީލެކެވެ.

މި ސީޒަންގައި އިންޑިއާގެ ކުރީގެ ކްރައިމް ރިޕޯޓަރު، ޖިގްނާ ވޯރާ ވެސް ބައިވެރިވެ އެވެ.

މިފަހަރުގެ ސީޒަން އެހެން ފަހަރުތަކާއި ހިލާފަށް ތިން ގެޔަކަށް ބަހާލައިގެން ކުރިއަށްދާއިރު ބައިވެރިންގެ މެދުގައި ވާދަވެރިކަން ވަނީ އިތުރުވެފަ އެވެ.