ޣައްޒާގެ ގިނަ ބަޔަކު ދިރިއުޅެމުން ގެންދާ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިޒްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

މި ހަމަލާގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދުވެ އެތަކެއް ރައްޔިތުންނެއް ވަނީ ޒަހަމްވެފަ އެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެ އެވެ

މި ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓުގައި އާއްމު ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށާއި އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަޤްވާމީ ގާނޫނުތަކަށް ތަބާވުމަށް ތަކުރާރުކޮށް ވަނީ ގޮވާލައްވައިފަ އެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ހުރަހެއް ނެތި އެހީ ފޯރުކޮށްދެވޭނޭ މަގު ފަހިކޮށްދިނުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.

ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރާއީލުގެ ހައްދުފަހަނައެޅި ޔަހޫދީ ސިފައިން ދެމުންގެންދާ ހަމަލާތަކާއި، ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ހިލާފު އަމަލުތަކެއްކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށާއި، އދ.ގެ އާންމު މަޖިލީހުން 27 އޮކްޓޫބަރު 2023 ގައި ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ރާއްޖެއިން އަންނަނީ ގޮވާލަމުންނެވެ. އަދި ފަލަސްޠީނުގެ ރައްޔިޔުންނަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ދަނީ ގޮވާލަމުންނެވެ.

ޖަބަލިން ރެފިއުޖީ ކޭމްޕަށް އިޒްރޭލުންދިން ހަމަލާގައި 100 އަށްވުރެއް ގިނަ މީހުން ޝަހީދުކޮށްލާ 400 އަށްވުރެއް ގިނަ މީހުން ޒަހަމް ކޮށްލާފައިވެ އެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ފަލަސްތީނުގެ 8600 އަށްވުރެއް ގިނަ ރައްޔިތުން ޝަހީދުކޮށްލާފައިވެ އެވެ. އަދި މި ހަމަލާތަކުގައި 23،500 އަށްވުރެއް ގިނަ މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވެ އެވެ.