ބޮލީވުޑްގެ އެންމެ މައްސަލަ ބޮޑު އެއްތަރި ކަމަށްވާ އުރްފީ ޖާވިދް ދާދި ފަހުން ވަނީ ފުލުހުންގެ ހައްޔަރުކޮށްފަ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއް މިހާރު ދަނީ އިންޓަނެޓުގައި ދައުރުވަމުންނެވެ.
އެވީޑިއޯގައި އޭނާ ހައްޔަރު ކުރެވުނީ ކީއްވެގެންތޯ ސުވާލު ކުރުމުން އެހާ ނިވާކަން ކުޑަ ހެދުން ލައިގެން އުޅެނީ ކީއްވެތޯ ފުލުހަކު ސުވާލު ކުރެ އެވެ.
އެހެން ކަމުން މިފަހަރު އުރްފީ ހައްޔަރު ކުރެވުނީ ނިވާކަން ކުޑަ ހެދުން ލައި އުޅޭތީ ކަމަށް ބެލެވެ އެވެ. ހައްޔަރު ކުރެވުނުއިރު ވެސް އޭނާހުރީ އެހާ ނިވާކަން ކުޑަ ހެދުމެއްގަ އެވެ.
އުމުރުން 26 އަހަރުގެ އުރްފީއަކީ ބިގްބޮސް އޯޓީޓީއިން މީހުންގެ ސަމާލުކަމަށް އައި ފަރާތެކެވެ. އޭނާގެ ހެދުން އެޅުމުގެ ސްޓައިލަށް އާއްމުންގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެ އެވެ.
މީގެ ކުރިން ދިން އިންޓަވިއުއެއްގައި އުރްފީ ވަނީ ނިވާކަން ކުޑަ ހެދުން ލައި އުޅެނީ ހެދުމަށް އެލާޖިކް ވާތީ ކަމަށް ބުނެފަ އެވެ.
އުރްފީ ހައްޔަރު ކުރުމުން ވެސް ގިނަ ބަޔަކު އަންނަނީ އެއީ އޭނާގެ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.