"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ދެންމެ ވަނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކޮށް ގެޒެޓްކޮށްފަ އެވެ.

ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވިގޮތުގައި ފްލެޓްތައް މިހާރު ނިމެމުންދާ ކަމަށެވެ. އެގޮތުން މި މަހުގެ 17 ގެ ކުރިން އެ ލިސްޓް ނެރެ، 4،000 ޔުނިޓްގެ މަޝްރޫޢު އިން ފްލެޓް ލިބޭ މީހުންނާ އެކު ކޮންޓްރެކްޓްގައި ސޮއިކޮށް ވެސް ނިންމާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމުން 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް 6،208 މީހުން އަދި ތިން ކޮޓަރީގެ ފްލެޓަށް 14،489 މީހުން ހުށަހަޅާފައިވެ އެވެ. ސަރުކާރުން ނިންމާފައި ވަނީ ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށެވެ. އެހެން ކަމުން ޝަރުތު ހަމަވާ 13،500 މީހުންނަށް ފްލެޓް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ފަހި ދިރިއުޅުން ކޯރޕަރޭޝަން، އެފް.ޑީ.ސީއާ ހަވާލުކޮށްގެން ތަރައްޤީކުރާ 4،000 ހައުސިން ޔުނިޓްގެ ކޮންސްޓަރަކްޝަން މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. މި ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ތަރައްޤީކުރާ 2،000 ޔުނިޓާއި އެންބީސީސީއާ ހަވާލުކޮށްފައިވާ 2،000 ޔުނިޓެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތަކަށް ބަލާއިރު، މިހާރު ވަނީ ހަ ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް ނިންމައިފަ އެވެ. ހަތަރު ޓަވަރުގެ ފިނިޝިން މަސައްކަތުގެ 60 ޕަސެންޓް ވަނީ ނިމިފަ އެވެ.

މި މުޅި މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައި ވަނީ އަންނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް މުޅިން ނިންމާ ގޮތަށެވެ.