މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން އިއުލާންކުރި ފްލެޓް ދިންގޮތާމެދު ހިތްހަމަނުޖެހިގެން ހައުސިން މިނިސްޓްރީ ތެރެއަށް ވަދެ އިހުތިޖާޖްކުރަން ފަށައިފި އެވެ.

އާއްމުން އެއްވެ ޝަކުވާކުރަން ފެށުމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލް ތެރެއިން ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެ އެވެ. އަދި ފޯމް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 13،000 އަށް ވުރެ ގިނަ މީހުންނަށް ފްލެޓު ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ވަނީ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމު ކޮށްފަ އެވެ. އެ މިނިސްޓްރީން އިއްޔެ ލިސްޓު އާންމު ކުރިއިރު އެކަމާ ގިނަ ބައެއްގެ ކަންބޮޑުވުންތަކާ ޝަކުވަތައް ހުއްޓެވެ. އެގޮތުން ޕޮއިންޓް ދީފައިވާ ގޮތުގެ ތަފުސީލު ނެތިގެން ގިނަބައެއް ވަނީ ކަންބޮޑުވުންފާޅުކޮށް މިއަދު ހައުސިން މިނިސްޓްރީއަށް އެއްވެ މުޒާހަރާކޮށްފަ އެވެ.

އެއްވެ ތިބި މީހުންނާ ވާހަކަދައްކަވަމުން އަކުރަމް ވިދާޅުވީ ޕޮއިންޓް ދިން ގޮތް ޕޯޓަލް ތެރެއިން ފެންނާނެ ކަމަށެވެ. އަދި ޝަކުވާއެއް އޮތް ނަމަ އަވަހަށް ހުށަހެޅުމަށް އޭނާ ގޮވާލި އެވެ. ނަމަވެސް އެއްވެ ތިބި މީހުން އަޑުގަދަކުރަން ފެށުމުން ވާހަކަ ކުރިޔަށް ނުގެންދެވިގެން އަކުރަމް ވަނީ ވާހަކަ މެދުކަނޑާލައި އެތަނުން ވަޑައިގެންފަ އެވެ.

އެތަނަށް އެއްވެ ތިބި މީހުން ބުނީ ފުރަތަމަ ނެރުނު ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް އޮތް ނަމަވެސް ދާއިމީ ލިސްޓުގައި ނެތް ކަމަށެވެ. ފަހުން ލިސްޓު ނެރުން އިރު ޕޮއިންޓު ލިބިފައި ވަނީ މަދުންކަަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

4000 ފްލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.