މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ޕޮއިންޓް ދީފައިވާނީ ފޯމު ފުރިއިރު ދީފައިހުރި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ފްލެޓް ދިން ގޮތާމެދު ހިތްހަމަނުޖެހިގެން ހައުސިން މިނިސްޓްރީ ތެރެއަށް ވަދެ އާންމުން ވަނީ މިއަދު އިހުތިޖާޖްކޮށްފަ އެވެ. އިހުތިޖާޖު ކުރަމުން ދިޔައީ ޕޮއިންޓް ދީފައިވާ ގޮތުގެ ތަފުސީލު ނެތިގެންނެވެ. ޕޮއިންޓު ދީފައިވަނީ އޮޅުވާލައިގެން ވަކި ބަޔަކަށް ކަމަށާ އަދި މިނިސްޓްރީން ބޭނުންވާ ބަޔަކަށް ކަމަށް އިހުތިޖާޖު ކުރި މީހުން ބުނަމުންދިޔަ އެވެ.

ހައުސިން މިނިސްޓްރީއަށް އެއްވެ ތިބި މީހުންނާ ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ ލިސްޓް އާންމުކޮށް ފްލެޓް ލިބޭ މީހުންނަށް ޕްއިންޓް ދީފައިވާނީ ފްލެޓަށް ހުށަހެޅި އިރު ފޯމު ފުރާފައިވާ މައުލޫމާތުތަކަށް ބެލުމަށް ފަހު ކަމަށެވެ.

"ޕޯޓަލްގައި އިންނަ ފޯމު ފުރުއްވާ ގޮތަށް ޕޮއިންޓު ދީފައިވާނީ،" އަކުރަމް ވިދާޅުވި އެވެ.

މިނިސްޓްރީއަށް އެއްވެ ތިބި މީހުންނާ ވާހަކަދެއްކުމަށް އަކްރަމް މަސައްކަތް ކުރެއްވި ނަމަވެސް އެތަނަށް އެއްވެ ތިބި މީހުން ވަނީ އަކުރަމްގެ ވާހަކަ ހުއްޓުވައިފަ އެވެ.

ހައުސިން މިނިސްޓްރީ ތެރެގައި މީހުން އެއްވެ އިހުތިޖާޖް ކުރަނީ: ފޮޓޯ: މިހާރު

އަޑުގަދަކުރަން ފެށުމުން އަކުރަމް ވަނީ ވާހަކަ ހުއްޓާލައްވައިފަ އެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށާއި ގެދޮރުވެރިޔާ ޕޯޓަލް ތެރެއިން ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެ އެވެ. އަދި ފޯމް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 13،000 އަށް ވުރެ ގިނަ މީހުންނަށް ފްލެޓު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.