އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕްރައިވެޓް ޖެޓެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް މިއަދު ފުރާ ވަޑައިގެންފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ ޑރ. މުއިއްޒުގެ މިދަތުރުފުޅަކީ ޔޫއޭއީ އިން އެދިގެން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދީފައިވަނީ ޔޫއޭއީ އިން ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ. އަދި މުއިއްޒު ޔޫއޭއީގެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ވެސް ހާމައެއް ނުކުރެ އެވެ.

މުއިއްޒުގެ މިދަތރުފުޅުގެ މާބޮޑު ތަފްސީލެއް އިންތިހާބީ ރައީސްގެ އޮފީހުން ހިއްސާއެއް ނުކުރެ އެވެ.

ޔޫއޭއީގެ ޝާހީ އާއިލާގެ މަހުޖަނަކު އަންނަނީ ނ. ރަންދެލި ރިސޯޓާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހިންގަމުންނެވެ.

މިއަދު ޔޫއޭއީ އަށް ވަޑައިގެންފައިވާ އިރު މިދިޔަ ހަފްތާ މުއިއްޒު ވަނީ އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ މުއިއްޒު ވަޑައިގެންނެވީ ސިންގަޕޫރަށެވެ.

މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ގަ އެވެ. ޖުމްހޫރީ މައިދާނުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ރައްޔިތުންގެ މަޖިލިހުން ވަނީ 22.9 މިލިއަން ރުފިޔާ އަށް ސިފައިންގެ ސިވެކް ކުންފުންޏާ ހަވާލުކޮށްފަ އެވެ.