ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމުދިނުމަށް ބާއްވާ ޓޮޕް 10 ޖަލްސާގައި މިއަހަރު ހަމައެކަނި އެއްވަނަ ހޯދި ދަރިވަރުންނަށް އިނާމު ދޭން ނިންމުމުން ދަރިވަރުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ކޮވިޑްގެ ބަލިކަޑުކަމުގެ ސަބަބުން މި ހަފްލާ ބޭއްވުން ލަސްކޮށްފައިވަނިކޮށް ސުކޫލްތަކުގެ އިސްވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާފައި ސިޓީއެއްގައި ވަނީ، 2019 ވަނަ އަހަރު ޓޮޕް 10 ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ގޮތަަކަށް ކަމަށެވެ. އެގޮތުން، 25 ފެބްރުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ގަދަ 10 އަކުން އެއްވަނައަށް ދިޔަ ދަރިވަރުންނަށާއި، ވަކި މާއްދާ ތަކުން އެއްވަނަ ހޯދި ދަރިވަރުންގެ އިތުރުން ދުނިޔެއިން އެއްވަނަ ހާސިލްކުރި ދަރިވަރުންނަށް ކަމަށެވެ.

ގަދަ 10ގެ ދޭކުން ފެށިގެން 10 ވަނަ ހޯދި ދަރިވަރުންނަށާއި އެހެނިހެން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާޗު 21ގައި އޮންލައިންކޮށް ބާއްވާ ޖަލްސާއެއްގައި ކަމަށް އެ ސިޓީގައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މިނިންމުމާ މެދު ދަރިވަރުނާއި އެކިއެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުން ނެވެ. ގަދަ 10 އަށް ދިޔަ ހުރިހާ ދަރިވަރުންނަނީ ވެސް އެހިސާބަށް ދިއުމަށް އެތައް ހުވަފެންތަކެއް ދެކި އެހުވަފެން ހަގީގަތަކަށް ހެދުމަށް ބުރަ މަސައްކަތް ކޮއްފައިވާ ދަރިވަރުންކަމަށް ވުމުން، ހަމަ އެކަނި އެއްވަނައަށް ދިޔަ ދަރިވަރުންނަށް އެކަނި ރަސްމިއްޔާތުގައި އިނާމު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބައެއް ދަރިވަރުން ބުނެފައިވެ އެވެ.

މިދިޔަ 2020 ވަނަ އަހަރުގެ މި ރަސްމިއްޔާތު ކޮވިޑްގެ ބަލިމަޑުމަކާ ގުޅިގެން މި ހާހިސާބަށް ފަސްކުރެވިފައި ވުމުން، ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭނެ ފަދަ ހާލަތެއް އަންނަންދެން އަދި އިތުރަށް ރަސްމިއްޔާތު ފަސްކޮށްދިނުމަށް ދަރިވަރުން ދަނީ އެދެމުންނެވެ. ރަސްމިއްޔާތު ފަސްކޮށްދިނުމަށް އެދި ދަރިވަރުން ދަނީ ޕެޓިޝަނެއްގައި ވެސް ސޮއި ކުރަމުންނެވެ.

ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމުދިނުމަށް ބޭއްވޭ ހަފްލާއަކީ ކޮންމެ އަހަކު ވެސް ކުލަގަދަކޮށް ބާއްވާ ހަފްލާއެކެވެ.

ރައީސުލް ޖުމްހޫރިއްޔާ ޝަރަފްވެރިކަން ކުރައްވާ މިރަސްމިއްޔާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން މާލެ އާދެ އެވެ.