ފެނަކަ އިން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާލުވީ ކުންފުނީގެ ދަރަނި 1.9 ބިލިއަން ރުފިޔާއަށް އަރާއިރު އޭގެ ތެރެއިން 1.4 ބިލިއަން ރުފިޔާއަކީ އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ކަމަށެވެ.

ސައީދު ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ކުންފުނިން މަހުން މަހަށް ދައްކަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ބައެއް ކުންފުނިތަކަށް ފައިސާ ނުދެވި ލަސްވަނީ ބިލުތަކުގައި މައްސަލަ ދިމާވުމުން ކަމަށް ސައީދު ވިދާޅުވި އެވެ.

"ކޮންމެ މަހަކުވެސް ފައިސާ ދައްކަމުން ދަނީ، އެކުންފުނިތަކަށް އެއްބަސްވެވޭ ގޮތަކަށް، މައްސަލައެއް ދިމާނުވާ ބިލެއް އޮތިއްޔާ ދައްކަމުން ދަނީ، އެންމެ ގިނަ ދުވަސްވެފައި ހުންނާނީ އެއް އަހަރާއި ދޮޅު އަހަރުވެފައިވާ ބިލްތައް" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ 2018 ވަނަ އަހަރު އޭނާ މަގާމާ ހަވާލުވިއިރު ފެނަކައުގެ ދަރަންޏަކީ 1.2 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ދަރަންޏަކީ 600 މިލިއަން ރުފިޔާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަނާ ގުޅޭ ކޮރަޕްޝަންގެ 75 މައްސަލައެއް މިހާރުވެސް އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީ އިން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން ވެސް އޭސީސީ އިން ވަނީ އެ ކުންފުންޏަށް އަންގައިފަ އެވެ.