މި ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގައި ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގޯތީގެ ރަޖިސްޓްރީ ނުނަގާ 2,000 މީހުން ތިބި ކަމަށް ޕްލޭނިން މިނިސްޓްރީ ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތީގެ ރަޖިސްޓްރީ މިހާތަނަށް ނުނަގާ ތިބީ ފުރަތަމަ ކޯލުން ނުގުޅި ތިބި މީހުންނާއި ރަޖިސްޓްރީ ބަލައި ނާންނަ މީހުނެވެ. އެއީ 2000 މީހުން ކަމަށް ވެސް އެމިނިސްޓްރީން ބުނެ އެވެ.

ގޯތީގެ ރަޖިސްޓްރީ ދޫކުރުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވިއަސް ހުރިހާ ގޯއްޗެއް ހަވާލު ކުރެވެންދެން އެގްރީމަންޓާއި ރަޖިސްޓްރީގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކުރެ އެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ތެރެއިން 18،995 ފަރާތަކަށް 9،003 ގޯތި މާލޭ ސަރަހައްދުން ދޫކުރެވިގެން ދާނެ އެވެ. މިގޯތިތަށް ދޫކުރެވޭނީ ހުޅުމާލެ ފޭސް 2، ފޭޭސް 3، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ.

މި ޕްރޮޖެކްޓްގައި ހުޅުމާލެއިން 1،351 ބިން، ގުޅިފަޅުން 2،218 ބިން އަދި ގިރާވަރު ފަޅުން 5،432 ބިން ދީފައިވެ އެވެ. އެއީ ޖުމްލަ 9،001 ގޯއްޗެވެ. ސަރުކާރުން ބުނެފައިވަނީ ޝަރުތު ހަމަވާ އެންމެންނަށް ވެސް ގޯތި ލިބޭނެ ކަމަށެވެ.