ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ފަނޑިޔާރުން ބައެއް ގޯސްތައް ހައްދަވާފައިވާ ކަމަށް ޔާމީންގެ ފަރާތުން ބުނެފައިވީ ނަމަވެސް މައްސަލައިގެ ހުކުމަށް އެކަމުން އަސަރު ނުކުރާނެ ކަމަށް ދައުލަތުން ބުނެފި އެވެ.

ގިނަ ދުވަސްތަކަކަށް ފަހު އިސްތިއުނާފު އަޑުއެހުން ހައި ކޯޓުގައި މިއަދު ވަނީ ބާއްވައިފަ އެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ.

ކުރިމިނަލް ކޯޓުގެ ފަނޑިޔާރު މައްސަލަ ނިންމުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް އިސްތިއުނާފް ކުރާ ފަރާތްތަކުން ފާހަގަކުރާ ކަމަށާއި ދައުލަތުން އެއްބަސްވާ ކަމެއް އެބޮތްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވީ ޔާމީންގެ ފަރާތުން ފާހަގަކުރަނީ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން 12 ވަނަ ނުކުތާ ކަމަށެވެ. އެއީ މާލީ ބަޔާނަކުން މައްސަލަ ބައްލަވާ ފަނޑިޔާރު ނެރުއްވާފަ އޮތް ނަތީޖާއެއް ކަމަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ކަމަށް ބުނާ ފައިސާ ކަމަށް ބުނެ ބަޔާން ކޮށްފައި އޮތް ނުކުތާ ކަމަށެވެ.

އެ ނުކުތާގައި ފަނޑިޔާރަށް މާލީ ބަޔާނުން ނެރުއްވާފައި އޮތް ނަތީޖާއަކީ ރަނގަޅު ނަތީޖާއެއް ނޫން ކަމަށް ޝަފީއު ވިދާޅުވި އެވެ.

"އެއީ ދައުލަތުން އެއްބަސްވާ ނުކުތާއެއް. އެހެންނަމަވެސް ކުރިން ފާހަގަކުރި ގޮތަށް އެ ނުކުތާއާ ގުޅިގެން މިދެންނެވިހެން އަޅުގަނޑުމެން ހުށަހަޅާ ގޮތަށް މާނަ ނެގި ނަމަވެސް މައްސަލާގައި ކޮށްފައި އޮތް ހުކުމަކަށް އެއަކުން އަސަރެއް ނުކުރޭ،" ދައުލަތުގެ ވަކީލް ޝަފީއު ވިދާޅުވި އެވެ.

އެ ގޯހަކީ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ބަޔާނެއްކަން ފާހަގަކުރެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދަށުކޯޓުން މައްސަލަ ހިނގާފައިވާ ގޮތާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ކުރެއްވި އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާނެ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށާއި އެކަމުގައި ފަނޑިޔާރުން ދެއްވި އިރުޝާދު ދައުލަތައް ވެސް އޮޅުން އެރިކަމަށާއި އެކަން އޮޅުން އެރީ ދައުލަތަށް ވެސް ސަމާލުކަން ދޭންވާ ވަރަށް ނުދެވުމުން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ވަކީލް އީނާ މޫސާ ވިދާޅުވީ އެކަމުގައި ފަނޑިޔާރުން ދެއްވި އިރުޝާދު ސާފު ކަމަށާއި އެހެން ނަމަވެސް ފަނޑިޔާރުން ދެއްވި އިރުޝާދަށް ދައުލަތުން ވެސް ސަމަލުކަން ދޭން ޖެހޭ މިންވަރަށް ސަމާލުކަން ނުދެވުނު ކަމަށެވެ. އަދި ސަމާލުކަން ނުދެވުމުގެ ސަބަބުން ދައުލަތަށް ވެސް އެއޮޅުން އެރިކަމަށާއި އެހެންވެ ސަމަލުކަން ނުދެވުނީމާ ފުރަތަމަ މަސައްކަތް ކުރެވުނީ އެކަން ދިފާއު ކުރަން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތް ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ އެވެ. އެހެން ނަމަވެސް ފަނޑިޔާރުންގެ ބައެއް ސުވާލުތައް އަދިވެސް ހުރުމުން މިއަދުގެ އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.