ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިދިޔަ އާދިއްތަ ދުވަހު ހުޅުވާލީ މިއަދުގެ ނިޔަލަށެވެ. ޕްލޭނިން މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދެއްވާފައިވާ މުއްދަތު އިތުރު ކޮށްދެއްވުމަށް ގިނަ ފަރާތްތަކަކުން އެދެމުންގެންދާތީ 10 ނޮވެންބަރުގެ 23:59 އަށް ޝަކުވާހުށަހެޅުމުގެ މުއްދަތު މިހާރު އިތުރު ކޮށްދެއްވާފައިވާ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވި އެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށެވެ. އަދި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެ އެވެ

ޕްލޭނިން މިނިސްޓްރީން ބުނީ މި. ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް ކަމަށެވެ. އަދި ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް ކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެ އެވެ.

ފްލެޓް ލިސްޓް ކަނޑައެޅުމުގައި ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އާއްމުންގެ ގިނަ ބަޔަކު ވަނީ މިނިސްޓްރީ ދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގިނަ މީހުން ބުނަމުންދަނީ، މާކްސް ދީފައިވަނީ ދިރިއުޅުމުގެ ޙާލަތަށް ބެލުމެއް ނެތި، ނުޙައްގުން ކަމަށެވެ. އަދި އަމިއްލަ މަސްލަހަތު އޮންނަ މީހުންނަށް ފްލެޓްތައް ބަހާލާފައިވާކަމުގެ ތުހުމަތު ވެސް އާއްމުން ދަނީ ކުރަމުންނެވެ.