އެމެރިކާގެ މަހުޖަނު އީލޯން މަސްކުގެ ސްޕޭސްއެކްސް ކުންފުނިން ފޯރުކޮށްދޭ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ރާއްޖޭގައި ފަށައިފި އެވެ.

ދުނިޔޭގެ ވަރުގަދަ ބާރެއް ކަމުގައިވާ އެމެރިކާގެ އެންމެ ބޮޑު އެއް ކުންފުނި، ސްޓާލިންކަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ލައިސަންސް ދޫކުރީ މިދިޔަ އޮގަސްޓް 24 ގަ އެވެ.

ސްޓާލިންކްގެ ވެބްސައިޓުން ފެންނަ ގޮތުގައި ރާއްޖެއިން އިންޓަނެޓުގެ ހިދުމަތް ލިބޭނެ އެވެ. ސްޓާލިންކުން ބުނެފައިވާ ގޮތުގައި 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭ މި ހިދުމަތް ބޭނުންވާ މީހުން މަހަކު 1،000ރ. ދައްކަން ޖެހެ އެވެ.

އެ ކުންފުނިން ރާއްޖެ އަށް ފޮނުވާ ޕެކޭޖްގައި ހިމެނެނީ ސްޓާލިންކް ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެކެވެ. އެ ޕެކޭޖްގެ އަގު 10،000ރ. އަށް އަރަ އެވެ.

ސްޓާލިންކުން ރާއްޖެއަށް ހިދުމަތް ދޭން ފެށުމާ ގުޅިގެން ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް ސްޓާލިންކުން ފޯރުކޮށްދެނީ ތަފާތު ހިދުމަތެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ސެޓެލައިޓު ޓެކްނޮލޮޖީއަށް އިތުރަށް ބަރޯސާ ވާން ޖެހޭ ކަމަށެވެ.

ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ޓެކްނޮލޮޖީ އަށް ބަރޯސާ ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޝައުނާ ވަނީ ސްޓާލިންކްގެ ހިދުމަތް ފެށުމަށް މަސައްކަތްކޮށް ދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖެއަކީ ސްޓާލިންކަށް ލައިސަންސް ދޫކުރި ދެކުނު އޭޝިއާގެ ފުރަތަމަ ގައުމެވެ.