ވޭތުވެ ދިޔަ ފަސްއަހަރަކީ ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވެ މަސައްކަތް ކުރި ފަސް އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގާއުމާ މުހާތަބުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ފާއިތުވި ފަސް އަހަރު ގައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްހަމަސަލަސް ކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން ކަމަށާ މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ، ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން ކަމަށް ވިދާޅުވި އެވެ.

ކުށްކުރާ ގްރޫޕްތަކާއި، ޑްރަގުގެ ވިޔަފާރިއާ ދެކޮޅަށް، އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނުކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ، ގައުމަށް ކޮންމެހެން ބޭނުންކަމެއް. ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުސަތު އެ ދާއިރާތަކަށް މި ފަސް އަހަރު ލިބިދެވުނު،" ރައީސް ވިދާޅުުވި އެވެ.

ވެރިކަމުގެ ހައްގުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާއީ ޢަދާލަތު ގާއިމުކުރުމަށް މި ފަސް އަހަރު ސަރުކާރުން އިސްކަންދީފައިވާ ކަމަށާ ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަގު ކުޑަކުރުމަށް ސަރުކާރުން އިސްކަންދިން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ހިދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރާންޖެހޭ ހައްގުތަކަށް ސަރުކާރުން އިސްކަން ދިން ކަމަސްވެސް ރައީސް ވިދާޅުވި އެވެ.