އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ހުށަހެޅުން އެންމެ އަވަހަށް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކޮށްދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.
އެކަމަކު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓޫ އަދި ވަނީ މަޖިލީހަށް ހުށަނާޅަ އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ބަޖެޓު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަންޖެހެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ އެންމެ އަވަހަށް ބައްވާ ޖަލްސާއަކަށް ހުށަހެޅުމަށް ނަޝީދު ވަނީ ސިޓީއަކުން މަޖިލީހުގެ އަމީންއާންމު އަށް ދަންނަވައިފަ އެވެ.
ނަޝީދުގެ ސިޓީގައި ވިދޅާުވެފައި ވަނީ ބަޖެޓު ހުށަހެޅުން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅުން ލަސްކޮށްފައިވީ ނަމަވެސް އެ މަސައްކަތް މިހާރު ލަސްކުރެވެން ނެތް ކަމަށެވެ.
ނަޝީދުގެ އިތުބަރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބަލައި ނުގަތުމަށް ނިންމުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުސަހެޅި ދުސްތޫރީ މައްސަލަގައި ކުރި ހުކުމަށް ރިއާޔަތް ކުރައްވާ ނަޝީދު ވިދާޅުވީ އެ ހުކުމުގައި ވާފަދައިން އެ ބަޖެޓު ހުށަހެޅުން އިތުރަށް ލަސް ނުކުރެވޭނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދެން އެންމެ އަވަހަށް ބައްވާ މަޖިލީހުގެ ޖަލްސާއަކަށް ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެންޑާ ކޮށްދިނުމަށް ނަޝީދުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ނަޝީދުގެ ސިޓީގައި ވިދާޅުވެފައި ވަނީ ބަޖެޓުގެ މައްސަލައަކީ ރައްޔިތުންގެ މަސްލަހަތު އޮތް މައްސަލައެއް ކަމަށެވެ. އަދި އެކަން ނުކުރެވި އޮތުމުގެ ކަންބޮޑުވުން ނަޝީދު ފާހަގަކުރައްވާފައިވެ އެވެ.
މަޖިލީހުން ބަޖެޓް ފާސް ކުރުމަކީ ގާނޫނުން ލާޒިމު ކުރާ ކަމަށްވުމާ އަދި އެއީ ވަކި ތާރީހެއްގެ ކުރީން ހުށައަޅަން އޮންނަ އެއްޗަކަށްވީ ނަމަވެސް މިނިސްޓަރު ވަޑައިނުގަތުމުން ގާނޫނުގައިވާ ގޮތަށް ބަޖެޓު ހުށަހެޅިފައި ނުވާކަން ނަޝިދު ފާހަގަ ކުރައްވާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާ ގޮތުން، ބޭސްލައިން ހަރަދާއި ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ އަދަދުތަކާއި ބަޖެޓުގައި ހިމަނާ އާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމްލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާ އެވެ.
މިއީ 2023 ވަނަ އަހަރަށް ހުށަހެޅި ބަޖެޓަށްވުރެ 5.3 އިންސައްތަ އިތުރު އަދަދެއް ކަމަށް މި ރިޕޯޓްގައި ބުނެ އެވެ. މި އަހަރު ދައުލަތުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 42.8 ބިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން މި އަހަރުގެ ބާކީ އޮތް މުއްދަތުގެ ހަރަދުތައް ހަމަޖެއްސުމަށް ވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފަ އެވެ.