ކުޅަދާނަ، ޒުވާން ތަރިއެއްގެ މަރަކީ ކޮންމެ ގައުމެއްގައި ހިނގާދިދިޔަ ކަމަކަށް ވިޔަސް ބޮޑު ހަބަރަކަށް ވާނެ ކަމެކެވެ.

އެހެން ނަމަވެސް ބޮލީވުޑްގެ ތަރި ސުޝާންތު ސިންގް ރާޖްޕުޓްގެ މަރާއި އެކަމާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީއަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ދެކެވޭ ވާހަކަތައް މިވަނީ އިންޑިއާގެ މީޑިއާތަކުގެ ޕްރައިމް ޓައިމްގައި އެންމެ ހިނގާ ހަބަރުތަކަށްވެފަ އެވެ. މިއާ އެކު ދެކެވޭ އަނެއް ވާހަކައަކީ މިއީ އިންޑިއާގައި ހިނގަމުންދާ އެހެން މުހިއްމު ކަންތައްތައް ފޮރުވުމަށް ޖައްސާ މީޑިއާ ސްޓަންޓެއްތޯ ކުރެވޭ ސުވާލުތަކެވެ.

މިހުރިހާ ކަމެއް ފެށިފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތް، ބާންޑްރާގައި ހުންނަ އޭނާގެ ގޭގައި ދަންޖެހިގެން އަމިއްލައަށް މަރުވެފައި އޮއްވާ ފެނުނު ހިސާބުންނެވެ. އެ މައްސަަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން ބުނީ ސުޝާންތު މަރުވީ އަމިއްލަ އަށް ކަމަށާއި، މަރުވި އިރު އޭނާ ދިޔައީ ޑިޕްރެޝަންއަށް ބޭސްކުރަމުން ކަމަށެވެ.

އެހެން ނަމަވެސް ސުޝާންތުގެ ބައްޕަ ވަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ސުޝާންތު އަމިއްލަ އަށް މަރުވުމަށް މަޖުބޫރުކުރުވުމާއި ފައިސާ ވަގަށް ނެގުމާއި ޑްރަގް އޯވަޑޯޒްކޮށް މަރާލުމުގެ ތުހުމަތު ހިމެނެ އެވެ. ރިއާ ވަނީ މި ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އެއާއި އެކު އިންޑިއާގެ ސީބީއައި އިން ވަނީ މިހާރު މި މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ.

ރިއާ އާއި ސުޝާންތު އުޅުނީ ލޯބީގެ ގޮތުން ގުޅިގެން

އަންގާރަ ދުވަހު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް އޮތޯރިޓީއިން ވަނީ ސުޝާންތް އަށް ކެނަބިސް ގަތުމުގެ ތުހުމަތުގައި ރިއާ ހައްޔަރުކޮށްފަ އެވެ. މިއާއެކު އިންޑިއާގެ މީޑިއާތަކުން ހިންގަމުން ގެންދާ "ޝަރީއަތުގައި" ރިއާ ނޮޅާ ކާލައިފި އެވެ. އަދި ސުޝާންތުގެ މަރުގެ ޒިންމާ ވެސް ރިއާގެ ބޮލުގައި އަޅުވައިިފި އެވެ.

މި ކޭސްގެ ވަށައިގެން މީޑިއާ ޗަރުކޭސް އުތުރި އަރަމުންދާ މި ދަނޑިވަޅަކީ އިންޑިއާގެ އިޖުތިމާއީ އަދި ސިޔާސީ މަސްރަހުގައި ވެސް މުހިއްމު އެތައް ކަމެއް ހިނގަމުންދާ ދަނޑިވަޅެކެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ސަރުކާރުން ވަނީ ކަންބޮޑުވާ ފަދަ ޖީޑީޕީގެ އަދަދުތަކެއް ހާމަކޮށްފަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖީޑީޕީ ވަނީ 23.9 އިންސައްތަ އަށް ދަށަށް ގޮސްފަ އެވެ. މިއީ 1996 ވަނަ އަހަރު މި އަދަދުތައް ރިކޯޑުކުރަން ފެށިފަހުން މިހާބޮޑަށް މި އަދަދު ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

މި އަދަދު މިހާ ބޮޑަށް ދަށްވެފައި މިވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުންނެވެ. އިންޑިއާ އަކީ މިހާރު މުޅި ދުނިޔެއިން ވެސް ދެވަނަ އަށް އެންމެ ގިނައިން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓުކުރަމުންދާ ގައުމެވެ.

މީގެ އިތުރުން 1960 ވަނަ އަހަރަށް ފަހު އިންޑިއާ އާއި ޗައިނާ އާއި ދެމެދު ބޯޑަރުގެ ހަމަނުޖެހުންތައް ވެސް އެންމެ ބޮޑުވެފައި މިވަނީ މިއަހަރުގެ ތެރޭގަ އެވެ. މިކަމާއި ގުޅިގެން ދެ ގައުމަށްވެސް މިހާތަނަށް މިކަމުގައި ސުލްހައިގެ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

އެހެން ނަމަވެސް ގިނަ މީޑިއާ ޗެނަލްތަކުން މި މައްސަލަތައް ހުރިތާ ބަހައްޓާފައި ބޮޑަށް އިސްކަންދޭތަން ފެންނަނީ ސުޝާންތު ސިންގްގެ މަރުގެ މައްސަލައަށެވެ. ދާދިފަހުން އިންޑިއާގެ ޓީވީ ޗެނަލެއްގައި ޕެނަލިސްޓަކު އިގްތިސާދުުގެ ވާހަކަ ދައްކަން އުޅުމުން ޕްރެޒެންޓަރު ވަނީ އޭނާ ހުއްޓުވާފަ އެވެ. އަދި "މި މައްސަލަ (ސުޝާންތުގެ މަރު) އާއި ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނޫން ނަމަ އަމިއްލަ ވަގުތާއި، އަހަރެމެންގެ ވަގުތާއި ބެލުންތެރިންގެ ވަގުތު ބޭކާރު ނުކުރަން" ޕްރެޒެންޓަރު ވަނީ ބުނެފަ އެވެ.

މީގެ އިތުރުންވެސް ގިނަ ޓީވީ ޗެނަލްތަކުން ވަނީ ޕްރައިމް ޓައިމްގެ ހަބަރުތައް ސުޝާންތު ސިންގްގެ ވާހަކަތަަކަށް ހުސްކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ނޫސްވެރިންނާއި ޕްރެޒެންޓަރުން ބުނަމުން ދާގޮތުގައި މިއީ އެމީހުންގެ ކެރިއަރުގެ އެންމެ "ބޮޑު ސްޓޯރީ" ކަމަށެވެ. އަންގާރަ ދުވަހު ރިއާ ޗަކްރަބޯތީ ހައްޔަރުކުރެވުމާއި ގުޅިގެން އެއް ޓީވީ ޗެނަލަކުން ވަނީ ސުޝާންތުގެ މަރުގެ ހަބަރުތައް ކަވާކުރުމުގައި އޮންއެއާގައި 2،000 ގަޑިއިރު ހޭދަކޮށްފައިވާ ކަން ފަހުރުވެރިކަމާއި އެކީ ފާހަގަކޮށްފަ އެވެ.

މިއާއެކު އިންޑިއާގެ މީޑިއާތަކުން މިވަރަކަށް ސުޝާންތު ސިންގް ރާޖްޕުޓްގެ މަރާއި އަޅައިގަނެގެން މިއުޅެނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. އަދި ރިއާ އަކީ ގޯސްމީހެއްގެ ގޮތުގައި ދައްކަން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

މީގައި އެންމެ ފަސޭހައިން ދެވެން އޮންނާނެ ޖަވާބަކީ "ޕޮލިޓިކްސް" އެވެ. ނުވަތަ މިކަމުން ސިޔާސީ މަންފާއެއް ހާސިލުކުރަން އުޅުމެވެ. މަސްރަހު ދިރާސާކުރާ ފަރާތަތްކުން ހާމަކޮށްފައިވާ ގޮތުގައި އެންމެ ގިނައިން މި ހަބަރު ރިޕޯޓުކުރާ މީޑިއާ ތަކަކީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ވެރިކަން ކުރާ ޕާޓީ ބަހާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އަށް ތާއީދު ކުރާ މީޑިއާތަކެވެ.

"ސުޝާންތު ސިންގް ރާޖްޕުތް ނިސްބަތްވާ ބިހާރް ސްޓޭޓްގައި މިއަހަރު ފަހުކޮޅު އިންތިހާބު ބާއްވާނެ. ބައެއް ސިޔާސީ ލީޑަރުން ދަނީ އޭނާގެ ނަން ބޭނުންކޮށްގެން އިންތިހާބުން ކުރި ހޯދަން މަސައްކަތްކުރަމުން،" ބިހާރްގެ ޕަޓްނާގައި ސީނިއާ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ އަމާނަތް ތިވާރީ ބުންޏެވެ.

ޗީފް މިނިސްޓަރ ނިތީޝް ކުމާރްވަނީ އެނާގެ އެންމެ ފުރަތަމަ ކެމްޕެއިން ހަރަކާތުގައިވެސް ސުޝާންތުގެ ނަން ބޭނުންކޮށްފަ އެވެ. އަދި އޭނާ ނިސްބަތްވާ ބީޖޭޕީއިން ދަނީ ސުޝާންތުގެ ފޮޓޯ ހިމަނައިިގެން ކާރުގައި ޖަހާ ސްޓިކާ ފަދަ ތަކެތި ބަހަމުންނެވެ. ތިވާރީ އިތުރަށް ބުނި ގޮތުގައި އިންތިހާބު ނިމުމުން އެއްވެސް މީހަކު ސުޝާންތުގެ މަތިން ހަނދާނެއް ނުހުންނާނެ" އެވެ.

ދަ ޕްރިންޓްގެ ނޫސްވެރިއެއް ކަމަށްވާ ބާޖްޕާއީ ބުނީ މި ކޭސްއާ ގުޅޭ ހަބަރުތަކުގެ ސަބަބުން ސަރުކާރަށް ފައިދާކުރާ ކަމަށެވެ.

"މި ސްޓޯރީގައި ބޮލީވުޑާއި ސިނަމާ އާއި އެކި ކުށްތަކުގެ ވާހަކަ އެބަ އާދޭ. މިއީ މީހުން ޝައުގުވެރިވާ ކަހަލަ ވާހަކަ ތައް. އަދި މިހުރިހާ ކަމެއްގެ މެދުގައި ރީތި އަންހެން ކުއްޖަކު ބަހައްޓާފައި ހުރިހާ ސަމާލުކަމެއް އެ އަންހެންކުއްޖާއަށް ދާގޮތަށް ހެދީމަ އާންމުންނަށް ވެސް އަސްލު ގައުމުގައި ހުރި މައްސަަލަތަކަށް ދޭނެ ޖެހޭ ސަމާލުކަމެއް ނުދެވޭ،" ބާޖްޕާއީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ މި މައްސަލަގަނޑުގެ ސަބަބުން އިގްތިސާދު، ޖީޑީޕީ، ވަޒީފާތައް ގެއްލުން އަދި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވަމުން ދިއުމާއި ގުޅޭގޮތުން އާންމުން ސުވާލު ނުކުރާތީ ސަރުކާރު އޮތީ ހިތްހަމަޖެހިގެން ކަމަށެވެ. އަދި މީގެ ސަބަބުން ޓީވީ ޗެނަލްތަކަށް ކޮމާޝަލް ފައިދާތައް ވެސް ވެފައިވާ ކަަމަށެވެ. އެގޮތުން އެމީހުންގެ ރޭޓިންތައް އިތުރުވެ އޯޑިއަންސް ވެސް ބޮޑުވެއްޖެ ކަމަށެވެ.

އާންމުން ވެސް ތިބެނީ މި ކޭސްގައި ދެން އިތުރަށް ވާނެ ގޮތެއް އެނގުމަށް ކެތްމަދުވެފަ އެވެ. ކޮންމެ ގޮތެއް ވިޔަސް އެނގޭހާ ވެސް ކަމަކީ މި ކޭސްއާއި އެކު ބޮލީވުޑްގެ އަނދިރި ފަރާތް ހާމަވެގެން ގޮސްފި ކަމެވެ. އަދި މި ހުރިހާ ކަމެއްގެ ތެރޭގައި މީޑިއާގެ ދައުރާއި އެކު އާންމުން ރިއާ ޗަކްރަބޯތީ ހަމަ ރަނގަޅަށް ވެސް ނޮޅާ ކާލައިފި ކަމެވެ.