މިއަދުން ފެށިގެން ފްރާންސް، ސްޕެއިން، ޕޯޗުގަލް އަދި ޔޫރަޕްގެ ގިނަ ގައުމުތަކަށް ޝެންގަން ވިސާއަށް އެދި މާލޭގައި ހުންނަ ވީ.އެފް.އެސް. ސެންޓަރުން އެޕްލައިކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފަައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއި ފަސޭހަކަމާ އެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި 1 މާރިޗު 2020 ގައި ވީ.އެފް.އެސް. ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރު މާލޭގައި ވަނީ ހުޅުވާފައި ކަމަށެވެ.

.މި ސެންޓަރު މެދުވެރިކޮށް ޔޫރަޕުގެ ގިނަ ގައުމުތަކަކަށް ޝެންގެން ވިސާއަށް ރާއްޖެއިން އެޕްލައިކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ޝެންގެން ވިސާ ހޯދުމަށް މީގެ ކުރިން އުފުލާންޖެހުނު ތަކުލީފުތައް ނައްތާލެވިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ހިދުމަތް އިތުރަށް ފުޅަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ހިދުމަތް އިތުރަށް ފުޅާކުރުމަށް މި މިނިސްޓްރީން ޝެންގަން ޒޯނުގައި ހިމެނޭ ގައުމުތަކުގެ ހާރިޖީ ވުޒާރާތަކާ އެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ވީ.އެފް.އެސް. މާލެ ވިސާ ސެންޓަރާ ރަސްމީކޮށް ސްވިޓްޒަލެންޑް އިން 21 އޮގަސްޓް 2023 ގައި ވަނީ ގުޅިފައި ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މި ސެންޓަރު މެދުވެރިކޮށް ސްވިޓްޒަލެންޑް، ބެލްޖިއަމް، ނެދަލެންޑްސް، ޕޮލެންޑް، ލަގްޒެމްބާގް އަދި ސްލޮވީނިއާ އަށް ޝެންގަން ވިސާއަށް މިހާރު އެޕްލައި ކުރެވޭނެ އެވެ.