މިދިޔަ ފަސް އަހަރު ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަސްލަޙަތު ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ދެ ބޭފުޅަކަށް ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފް އެރުވުމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާލުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މައިދަނުގައި އެކަހެރިކޮށްލާފައި ކަމަށެވެ. ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެކި ގައުމުތަކާ އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށް ރައީސް ވިދާޅުވި އެވެ. ބައެއް އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ކެނޑިފައި އޮތްކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް މި ސަރުކާރު އައުމަށް ފަހު އެންމެ އިސްކަމެއް ދިނީ ގައުމުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް ކަމަށެވެ. އެގޮތުން ފޮރިން މިނިސްޓްރީން ކުރަމުން ގެންދިޔަ މަސައްކަތްތައް ރައީސް ފާހަގަ ކުރެއްވި އެވެ. ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް ހައްގު މަގާމު އަނބުރާ ހޯދުމުގައި ގިނަ ގޮންޖެހުންތަކަކާ އެކު ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރު އައިއިރު، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި. ބައިނަލްއަގުވާމީ ޖަމާއަތްތަކާ ދެމެދު އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި. އަދި ބައެއް އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ކެނޑިފައި އޭރު އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރަށް ކޯވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔޭގައި ފެތުރި، ހުރިހާ ގައުމުތަކެއް ފުރަބަންދުގެ ހާލަތުގައި އޮތް އިރު، ހާރިޖީ ހިދުމަތުގައި ތިއްބެވި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ފޮރިން މިނިސްޓްރީގައި ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވި ދެބޭފުޅަކަށް ރައީސް ވަނީ ދެއްވައިފަ އެވެ.

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެއްވަފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލަށާއި، ފޮރިން ސެކްރެޓެރީ ކަމުގެ މަގާމުގައި ހުންނެވި އަހްމަދު ލަތީފަށެވެ.