މީޑިއާ ހިންގުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މާލެ ސަރަހައްދުގައި އެކަމަށް ހާއްސަ ވިލެޖެއް ތަރައްގީކޮށް، ނޫސްވެރިންނަށް ސްކޮލާޝިޕް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާ އެކުގައި ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި މި ދާއިރާ ތަރައްގީކުރަން ބޭނުންވާ ގިނަ ހިޔާލުތަކެއް އިންތިހާބީ ރައީސާއި ހިއްސާކޮށްފަ އެވެ. އަދި މިހާރަށްވުރެ ދެފުށް ފެންނަ އަދި ހަމަހަމަ ފުރުސަތުތަކެއް މީޑިއާތަކުގެ މެދުގައި ގާއިމުކޮށް ދެއްވުމަށްވަނީ އެދިފަ އެވެ.
ނޫސްވެރިން ފާޅުކުރެއްވި ހިޔާލުތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ މީޑިއާތައް ހިންގުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
މީޑިއާތައް ހިންގުމަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވާ އިންތިހާބީ ރައީސް ވިދާޅުވީ އެކަމަށް ހައްލެއް ގެނައުމަށްޓަކައި މާލެ ސަރަހައްދުގައި އެކަށީގެންވާ ފެސިލިޓީއެއް ގާއިމްކުރުމުގެ ގޮތުން، މީޑިއާ ވިލެޖެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.
"މިހާރު ތިބޭފުޅުން މަސައްކަތްކުރައްވަނީ ތަންތަން ކުއްޔަށް ހިފައިގެން. މިއީ މިހާރުން މިހާރަށް ހައްލު ކުރެވޭނެ ކަމެއް ނޫން. ނަމަވެސް އަޅުގަނޑުމެން މަސައްކަތްކުރާނީ ކުރިއަށް އޮތް ތަނުގައި ގްރޭޓަރ މާލޭ ރީޖަންގައި މީޑިއާތަކަށް ހާއްސަ މީޑިއާ ކްލަބެއް، މީޑިއާ ވިލެޖެއް ގައިމުކުރުން." މުއިއްޒު ވިދާޅުވި އެވެ.
ނޫސްވެރިންނަށް ތައުލީމާއި ހުނަރުގެ ފުރުސަތުތައް ފަހިކޮށްދެއްވުމާއި ގުޅޭގޮތުން އިންތިހާބީ ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ހިލޭ ސްކޮލަޝިޕް ދީގެން ކިޔެވޭނެ އިންތިޒާމް ފަހިކޮށްދެއްވާނެކަމަށެވެ.
މިއީ މިދާއިރާގައި ތައުލީމީ ނޫސްވެރިން އުފެދިގެންދާނެ ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި މީޑިއާއަށް އޮތް މާލީ ދަތިކަން ހައްލު ކޮށްދެއްވުމުގެ ގޮތުން ފައިސާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހާރުވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އިންތިހާބީ ރައީސް ވަނީ މި ހަފްލާގައިވެސް، އެމަނިކުފާނުގެ ސަރުކާރަކީ ދެ ފުށްފެންނަ ހާމަކަން ބޮޑު ސަރުކާރަކަށް ވާނެކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވައިފަ އެވެ. އެގޮތުން ސަރުކާރުގެ މައުލޫމާތުތައް މީޑިއާއަށް ލިބޭނެ ފަސޭހަ އިންތިޒާމެއް ފަހިކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ރައްޔިތުންގެ ކުރިމަތީގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކަކާއި ވެވަޑައިގެންފައިވާ ހުރިހާ ވައުދުތައް ހިމަނައި ފޮތެއް ނެރުއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަން ކުރެއްވުމުގެ ބޭނުންފުޅަކީ އެއްވެސް ކަމެއް ފޮރުވަން ބޭނުންފުޅު ނުވުމުންނެވެ.