އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އަށް މީހުން އެތެރެވުން މަނާކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިސް ކައިރިއަށް ބަޔަކު އެއްވެ މިއަދު ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވާލާ އަޑު އުފުލާފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި އެވަގުތު ކުރިއަށް ދިޔައީ ސަޕްލިމެންޓަރީ ބަޖެޓްގެ ބަހުސް އެވެ. މަޖިލީހުގެ ކުރިމަތީގައި މުޒާހަރާ ކުރަމުން ދިޔަ މީހުން ކައިރިއަށް އެވަގުތު ބައެއް މެންބަރުން، އެއްވެ ތިބި މީހުންގެ ކައިރިއަށް އައިސް ވާހަކަދެއްކި އެވެ.

އާންމުންނާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ނަޝީދު ވިދާޅުވީ އިޒްރާއީލު ޕާސްޕޯޓު މަނާ ނުކުރެވޭނެ ކަމަށެވެ. އެތަނުގައި ތިއްބެވި ޑީމޮކްރެޓްސްގެ މެމްބަރުން ވެސް މުޒަހަރާގެ ބައިވެރިންނާ ވާޙަކަ ދެއްކި އެވެ. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެއްވެ ތިބި މީހުންނާ މުހާތަބުކޮށް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގޮވާލާ އަޑުއުފުލަންވީ މަޖިލިސް ކައިރީގައި ނޫން ކަމަށާއި ރައީސް އޮފީހާ ފޮރިން މިނިސްޓްރީ ކުރިމަތީގައި ކަމަށެވެ.

އިޒްރާއީލުގެ ޕާސްޕޯޓު މަނާ ކުރުމަށް ގޮވާލާ މިއަދު ކުރިއަށް ގެންދިޔަ މުޒަހަރާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އެވަގުތު އެއްވުމުގައި ތިބި މީހުންނާ ވާހަކަ ދައްކަމުން ދިޔަ އެވެ. އެމްޑީޕީގެ މެމްބަރުން ނިކުމެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއާ ބައްދަލުކުރުމަށް އާންމުންނަށް ފުރުސަތު ދިނެވެ. އެގޮތުން އެއްވުމުގެ ތެރެއިން ބަޔަކު ވަދެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރި އެވެ.

އެމީހުންގެ ގިނަ ކަންތައްތަކެއް އަސްލަމް އަށް ހުށަހެޅި އެވެ. އެގޮތުން އިޒްރާއީލު ޕާސްޕޯޓު ރާއްޖޭގައި މަނާ ކުރުމަށާއި އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމަށެވެ.

މިއަދު ހެނދުނު މަޖިލީހުގެ އިދާރާދޮށަށް އާންމުން އެއްވެ ޕްރެޝަ ކުރަން ފެށުމުން މަޖިލީހުގެ ހާރިޖީ ކޮމެޓީގެ ބައްދަލުވުމެއް ވެސް ވަނީ ބައްވާފަ އެވެ.