ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރައްވާނެ ކަންކަން ހިމަނުއްވާ "ހަފްތާ 14" ގެ ނަމުގައި ފުރަތަމަ 100 ދުވަހުގެ މަގުޗާޓު އިފްތިތާހު ކުރައްވައިފި އެވެ.

ޑރ. މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރާނެ ކަންކަން ހިމެނޭ ޕްލޭން ނެރެދެއްވީ މިރޭ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު އެވެ.

ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހް ކޮށްދެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ ފުރަތަމަ 14 ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކުރަނެ ކަންކަން ހިމަނާ ނެރެފައިވާ ޕްލޭންގެ އިތުރުން ވެސް ގިނަ ކަންކަން ފުރިހަމަ ކުރައްވާނެ ކަމަށެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށީގެން މަސައްކަތް ކުރައްވާނީ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ކަމަށާ އާމްދަނީ އިތުރު ކުރުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ރައްޔިތުންނާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ އަކަށް ވާނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމަށް ވުރެ ވެސް އިތުރަށް ކަންކަން ކުރެވުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ފުރަތަމަ ސާދަ ހަފްތާގައި އަޅުގަނޑޫމެންގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކނަމުގެ ތެރެއިން އަޅުގަނޑޫމެން އެންމެ މަދުވެގެންވެސް ހާސިލް ކުރަނެ މިންވަރު އަޅުގަނޑުމެންގެ ވުޒާރާތަކާ ކުންފުނިތަކުން އެއަށްވުރެ މާގިނަ ކަންކަންވެސް ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ތެރެގައި ކުރުމަށް ނިންމާފައިވާ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި ޗާގޯސް މައްސަލަ ހިމެނެ އެވެ. އެގޮތުން ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ހިމަނުއްވާފައިވެ އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް މި14 ހަފްތާގެ ޕްލޭންގައި ހިމަނުއްވާފައި ވެއެވެ. މީގެ އިތުރުން ވެސް ރައްޔިތުންނާ ގުޅުން ހުރި ގިނަ ކަންކަން ވަނީ ހިމަނުއްވާފަ އެވެ.