ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުވައްޒަފުންނަށް އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މިއަދު ބާއްވައިފި އެވެ.

ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ބޭއްވުނު މި ސްކްރީނިންގައި 100 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ބޭންކުން ދަނީ ގަވައިދުން މުވައްޒަފުންނަށް ކެންސަ ސްކްރީން ޕްރޮގްރާމް ބާއްވައި، ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔާދީ ބާރުއަޅަމުންނެވެ.

މި ޕާރޓްނާޝިޕް ގެ ދަށުން ސީއެސްއެމް އާއެކު ބޭންކުން ވަނީ މި ނޮވެންބަރު މަހު ކެންސަރަށް ސްކްރީންކުރުމާއި ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ނ. އަތޮޅުގެ ރަށްތަކުގައި ޕްރޮގްރާމްތަކެއް ހިންގާފަ އެވެ.

ބީއެމްއެލް އިން މުވައްޒަފުންނަށް ސްކްރީން ކުރުމަށް މިއަދު ޕްރޮގްރާމްގައި އެ ބޭންކުގެ ސީއީއޯ ބައިވެރިވަނީ. ފޮޓޯ: ބީއެމްއެލް

2016 ވަނަ އަހަރުން ފެށިގެން ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށާއި ބަލިން ރައްކާތެރިވުމަށް ދުރާލާ ޓެސްޓު ކުރުމަށް ބާރުއެޅުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.