އަންނަ ޖެނުއަރީ މަހުން ފެށީގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރަން ނިންމައިފި އެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ރިޔާސީ ކެމްޕެއިނުގައި ވެވަޑައިގެންނެވި ވައުދެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް ފޮނުވާފައިވާ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ބ. ތުޅާދޫގައި އޮގަސްޓު 20 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ 48،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށެވެ.

ދަައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޕޭ ހަމަނައިޒޭޝަންގެ ދަށުން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހިމަނާނެ ކަމަށެވެ. އަދި ސަރުކާރު މުވައްޒަފުންގެ މުސާރަބޮޑު ކުރުމަށް ހިންގާ ޕޭ ހާމަނައިޒޭޝަން ޕްރޮގްރާމް ހުއްޓާލާނީ ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދީފައި ކަމަށް ރައީސް ވިދާޅުވި އެވެ.

މި އަހަރު ފާސްކުރާ ބަޖެޓާއެކު، ފުލުހުންނާއި ސިފައިންނާއި ކަސްޓަމާއި އިމިގްރޭޝަން އަދި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ރައީސް އޭރު ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވީ ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް އިތުރުވާނެ ކަމަށެވެ. ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. މިހާރު ލިބޭއިރު، އަލަށް ގެންނަ ބަދަލުތަކާއެކު 16،300ރ. އަށް މުސާރަ ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.