ދުޅަހެޔޮ ދިރިއުޅުމެއްގައި ހުރުމަށް، ދުޅަހެޔޮ ދިރިއުޅުމަކީ ކޮބައިކަމާއި އެ ގޮތުގެމަތީން ދުޅަހެޔޮކަން ތިމާއަށް ލިބިގަނެވޭނީ ކިހިނެއްކަން އެނގުމަކީ މިމަގުގައި ހިނގުމަށް އެންމެ ފުރަތަމަ ބޭނުންވާނެ ކަމެވެ. އަދި މިކަން އެނގުމަށްފަހު އެގޮތުގައި ހުރުމާއި އެކަން މެނޭޖު ކުރުމަކީ ނުހަނު މުހިންމުކަމެކެވެ. ދުޅަހެޔޮކަމަށް ނުހަނު ގިނަގުނަ ނޭދެވޭ އަސަރުކުރާ ގޮތަށް ބައްޓަންވެފައިވާ މި ދުނިޔޭގައި ތިމާގެ ނަފުސަށާއި ތިމާގެ ސިއްހަތަށްޓަކައި ތިމާ ކައިބޮއިއުޅޭ ބާވަތްތަކުން ތިމާއަށް ކުރާ ނޭދެވޭ އަސަރާއި ފައިދާއާއި މަންފާ ހުރީ ކިހާވަރަކައްތޯ ދެނެގަތުމަކީ ރީތިކޮށް ހުރުމަށް ރިވެތި ފޭރާން ހޯދުމާއި އެހެނިހެން ޒީނަތްތެރިކަމަށްވުރެ މާ މުހިއްމު ކަމެކެވެ.
އަހަރުމެން ކެއުމުގައި ހިމަނާ ނުވަތަ ކާން ގަސްތުކުރާ ކާނާގެ ބާވަތްތަކާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ވަރަށް މުހިންމު ގުޅުމެއް އޮވެ އެވެ. ގޮހޮރު ދުޅަވުމާއި (އިންފްލޭމްވުން) ގޮހޮރު ފާރުވުމުން ފެށިގެން ހުޅުތަކުގައި ރިއްސުމާއި "އޮޓޯ އިމިއުން" ބަލިތަކާއި ހަމައަށް އަހަރުމެންގެ ސިއްހަތު ދަށްވުމުގައި ކައިބޮއެ އުޅޭ ކާނާއިން ބޮޑު ދައުރެއް އަދާކުރެއެވެ. ސުވާލަކީ މިފަދަ ބަލިތަކަށް ތިމާ ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށް ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭނީތޯ ނުވަތަ ބެލުމެއްނެތި ކައިބޮއެ ފަހުން ބަލިހާލުގައި ދިރިއުޅެން ނިންމާނީތޯ އެވެ. މި އަސްލުގެ މައްޗަށް ބިނާވެގެން ދިމާވާ ސިއްހީ އެކިއެކި މައްސަލަތަކަށް ހައްލުވެސް އޮންނަނީ ކެއުން ރަނގަޅު ކުރުމުގެ އަސާސްގެ މައްޗަށެވެ. ގޮހޮރުގެ ފެންވަރު ދަށްވެ (ސައިންސްގެ ގޮތުންކިޔާނަމަ "ލީކީގަޓް") ގޮހޮރުން އަހަރުމެންގެ އިމިއުން ސިސްޓަމް ނުވަތަ ދިފާއީ ނިޒާމު މޮޅަށް ބެހެއްޓުމުގައި އަދާކުރަންޖެހޭ ދައުރު އަދާނުކުރެވުނީމަ ޖެހޭ ބަލިތަކަކީ ރަގަޅުކުރުން އުނދަގޫ އެހެން ނަމަވެސް ހަމަ ކެއުމަށްގެނެވޭ ބަދަލަކުން ރަގަޅުކުރެވޭ ބަލިތަކެވެ.
ހާވަޑް މެޑިކަލް ސްކޫލުގެ ރިސާރޗަރ ޕްރޮފެސަރ އަދި ގެސްޓްރޯއެންޓެރޮލޮޖިސްޓް އަދި މެސެޗުޓްސް ޖެނެރަލް ހޮސްޕިޓަލްގައި ހިންގާ ސެލިއެކް ރިސާރޗް ސެންޓަރު އުފެއްދި ޑޮކްޓަރ އެލީސިއޯ ފަސާނޯ ލީކީގާޓާއި އޮޓޯއިމުން ކޮންޑިޝަންތަކާއި ކެއުމާއި ހުރި ގުޅުމުގެ މައްޗަށް ކުރި ދިރާސާއިން ކެއުމުގައި ގެންގުޅޭ ހަމަތަކުން ގޮހޮރައް ލިބޭ ގެއްލުމާއި އޭގެ ނަތީޖާއެއްގެ ގޮތުން ދިމާވާ ސިއްހީމައްސަލަތަކުގެ މައްޗަށް އަލިއަޅުވާލަމުން އެބަލިތައް ރަގަޅުކުރެވޭ ހަމައެކަނި ގޮތަކީ ކެއުމަށް ގެނެވޭ ބަދަލަކުންކަމުގައި ވިދާޅުވިއެވެ. ކާންވީ "ހޯލް ފުޑްސް ނުވަތަ އެއަށް ބަދަލުތަކެއް ނުގެނެސް ގުދުރަތީގޮތުން އުފެދިފައިހުރި ގޮތާއި އެންމެ ގާތްކޮށް ހުންނަ ކާބޯތަކެތ، މިސާލަކަށް ތަރުކާރީގެ ބާވަތްތަކެވެ. އަދި ގުދުރަތީ އެހެން ގޮވާމެއްވިޔަސް އެއަށް ބަދަލުނުގެނެސް ހުންނަ ކާނާގެ ބާވަތެވެ. ނުކާންވީ ބަންދުކޮށްފަ ހުންނަ، ޕްރޮސެސްކޮށްފަ ހުންނަ އަދި އެކިގޮތްގޮތަށް ބަދަލުގެނެސް އޭގެ އަސްލުއޮޅިފައިހުންނަ ކާނާއެވެ." އިތުރަށް އޭނާ ވިދާޅުވިއެވެ. "ގްލޫޓެން، ހަކުރު، ޖަންކް ފުޑު، ޕްރޮސެސްކުރި ކާނާ، ތެލުލި އެއްޗިއްސާއި ތެޔޮ ފަދަ ބާވަތްތަކުން ދުރުވެހުރުމަކީ ސިއްހަތައް މުހިންމުކަމެކެވެ."
އަހަރުމެންގެ ގޮހޮރުގައި އެކުލެވިގެންވާ މައިކްރޯބައޯޓާ ގައި 100 ޓްރިލިއަން މައިކްރޯއޯނިޒަމް ހިމެނެއެވެ. މެކަލިސްޓާރ ކޮލެޖްގެ ޕްރޮފެސަރ އޮފް ބައޮލޮޖީ، ޕްރޮފެސަރ ޑރ. ރޮބިން ޝީލްޑްސް ކަޓްލަރ މިއަދަދު އަހަރުމެންނަށް ފަސޭހައިން ތަސައްވަރު ކުރެވޭނެ ގޮތެއްކަމުގައި ދެއްކި މިސާލުގެ ތެރެއިން އަދަދުތަކެއް ހިއްސާކުރާނަމަ، މިހާރު މި ލިއުން ކިޔަންހުރެ ގަޑިބަލައިފިނަމަ މީގެ 1 ގައިއިރު ކުރިއަކީ މީގެ 3600 ސިކުންތު ކުރިކަމާއި މީގެ 1 ދުވަސް ކުރިއަކީ 86400 ސިކުންތު ކުރި ކަމާއި އެގޮތުން މީގެ 50 އަހަރު ކުރިއަކީ 4 މިލިއަން 3 ލައްކަ 20 ހާސް ސިކުންތު ކުރިކަމާއި އަދި މީގެ ދެގުނަ 100 އަހަރަކީ 8،640،000 (8 މިލިއަން. . . ) އެހެންވުމުން 100 ޓްރިލިއަން ސިކުންތަކީ 3.17 މިލިއަން އަހަރެވެ. އަޅުގަޑުމެންގެ ބަނޑުގައި ހުރި މައިކްރޯއޯގަނިޒަމް ނުވަތަ މައިކްރޯބައޯޓާގެ އަދަދާއިމެދު ވިސްނާލީމަ މިއީ ކުޑަކުޑަ ބޭނުމެއްގައި ލައްވާފައިވާ ނިޒާމެއްކަމުގައި ބެލޭކަށްނެތެވެ. މައިކްރޯބައޯޓާ އެކުލެވޭ އޯގަނިޒަމްގެ އަދަދަކީ ހިއުމަން ސެލްސްގެ ޖުމްލަ އަދަދައްވުރެ އެތައްގުނައެއް އިތުރު އަދަދެކެވެ. މިހެންކަންއޮތްއިރު ހިއުމަން ސެލްސް އަކީ އިންސާނާގެ އެތައް މުހިންމު ކަންކަމެއް ރާވާ ހިންގާ ބަލަހައްޓާ މަރާމާތުކޮށް ހިފަހައްޓާ ޑިޕާޓްމަންޓެވެ. މިހެންވުމުން މައިކްރޯބައޯޓާގެ ދައުރަކީ މިހާރު އެނގެން އޮތް ވަރަށްވުރެވެސް މާގިނަ އަދަދުނުކުރެވޭ މަސައްކަތްތަކެއް ކުރާ ވަރަށް ފުރިހަމަ މުހިންމު ދައުރެކެވެ.
މި މައިކްރޯއޮގަނައިޒްމަންޓްތަކަކީ ހަގީގަތުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އަހަރުމެންގެ ޖުމްލަ ދުޅަހެޔޮކަމައްޓަކައެވެ. އުފަންވާދުވަހުން ފެށިގެން އަހަރެމެން ހިސާރުކުރާ ނުވަތަ އަހަރުމެންނަށް ބާރުފޯރުވަންފަށާ ބެކްޓީރިއާ އާއި ފަންގަސްއިން މައިކްރޯ އޮގަނިޒަމްތައް ބައްޓަން ކުރުމުގެ މަސައްކަތައް އެހީތެރިވާން ފަށަ އެވެ. އަހަރެމެންގެ ފިޒިއޮލޮޖީ ނުވަތަ މިއޯގަނިޒަމްތައް މަސައްކަތްކުރާ ހަމަތަކުން އަހަރުމެންނަށް ނުފޫޒުފޯރުވި ބެކްޓީރިއާ އާއި ފަންގަސްގެ ބޭނުންހިފައިގެން ދިފާޢީ ނިޒާމު ތަމްރީނު ކުރެއެވެ. ބަނޑުގައި ހުރި މިދެންނެވި ބައޯޓާ އެއީ އަހަރެމެންގެ ސިކުނޑިއާ މުއާމަލާތް ކުރާ އެއްޗެހިތަކެކެވެ. އަދި އެއީ އަހަރެމެންގެ ކާ ތަކެތި ހަޖަމް ކުރުމުގެ މުހިންމު ދައުރައްވެސް އެހީތެރިވާ އެއްޗިހިތަކެކެވެ. އަހަރެމެންނަށް ކޮންމެހެން ބޭނުންވާ ނިއުޓްރިއެންޓްސް އާއި ވިޓަމިންސްތައް ހަމައެއްގެ ތެރެއިން ނަގައިދީ ހަށިގަނޑުގެ އެކިއެކި ގުނަވަންތަކަށް ރައްދުކޮށްދިނުމުގެ މުހިންމު ދައުރުވެސް އަދާކުރާ އެއްޗިހިތަކެކެވެ. އަހަރުމެންގެ ސިއްހަތާއި އުފާވެރިކަން ދެމެހެއްޓުމުގެ ދައުރު އަހަރުމެންނަށް އެހެން ގޮތަކުން އަދާނުކުރެވޭ މިމުހިންމު ދައުރު އަދާކުރާ އަހަރުމެންގެ މައިކްރޯބައޯޓާ ހަލާކުވިޔަނުދީ ބެހެއްޓޭނީ ޖަންކު ނުވަތަ މި ނަޒަރިއްޔަތުން ބަލާނަމަ ކުނިބުނި ކެއުމުން ދުރުވެތިބެގެންނެވެ. މައިކްރޯބައޯޓާ އެދޭގޮތަށް އެއަށް ކާންދެނީނަމަ އެއިން އަހަރުމެންނަށް މޮޅަށް ކާންދޭނެއެވެ. އަހަރުމެންގެ ދިފާއީ ނިޒާމު ފުރިހަމަ ކުރާނެއެވެ. އަހަރުމެންގެ ގުނަވަންތަކަށް ބޭނުންވާ ނިއުޓްރިޝަން ފުރިހަމައަށް ދޭނެއެވެ. ސިއްހަތު ފުރިހަމަކޮށް ހިފަހައްޓައިދޭނެ އެވެ.
މިފަށަލައަށް ގެއްލުން ލިބުމުން އެ ފަށަލައިގެ ފޫގޮސް ލޭގެ ގޮހޮރުގެ ހަންގަނޑު ކެނޑި ލޭގެ ނިޒާމުގެ ތެރެއަށް ހަށިގަނޑުގެ ނިޒާމުންބޭރު ތަކެތި (ފޮރިންބޮޑީސް) ވަނުމުން ހަށިގަނޑުގެ އިމިއުން ނުވަތަ ދިފާއީ ނިޒާމަށް އޮޅުންބޮޅުން އަރައެވެ. އޭގެ ހަމަތައް ގެއްލުމުން އެކި މީހުންނަށް އެކިވަގުތު ދިމާވަނީ އެކިއެކި މައްސަލަތަކެވެ. އެކަކަށް ހަމުގެ މައްސަލައެއް ނުވަތަ އިތުރު އެހެން މައްސަލަތަކެއް. އަނެކަކަށް މައިގްރެއިން ނުވަތަ ތައިރޮއިޑްގެ މައްސަލަ ނުވަތަ ދެންވެސް އެހެންމީހަކަށް ހަކުރުބަލި، ކެންސަރު، އެޕިލެޕްސީ، އެކްޒިމާ، ޒޮރިއާސިސް، އާތުރައިޓިސް، އެހެނިހެން ރިއްސުންތައް އަދި މިނޫންވެސް ފަރުވާއެއް ނެތްކަމުގައި އެންމެން ގަބޫލުކުރާ މައްސަލަތަކެއް ބަލީގެ ގޮތުގައި ދެކިގެން އުޅެންޖެހެއެވެ.
އުފާވެރި ޚަބަރަކީ ކެއުމަށާއި އުޅުންބުޅުމަށް ގެނެވޭ ހެޔޮބަދަލަކުން ގޮހޮރުގެ ފެންވަރު މަތިވެ ގޮހޮރުގައި ހިނގަމުންދާ ނޭދެވޭ ކަންކަން ރިވާސްވެ، އާދިރުމެއްލިބި މިބުނި ހުރިހާ މައްސަލަތަކަށް ފަރުވާ ލިބެންފަށާކެމެވެ. އިންސާނާ އުފައްދަވާފައިވާ ހަމަތަކާއި އުސޫލަކީ މިއީއެވެ. ކާންޖެހެނީ ހަމަތަކެއްގެ މަތީން ގުދުރަތީ ހަމަތައް ނުގެއްލުވައި ކާއެއްޗަކުން ހަށިގަނޑުގެ މިމުހިންމު ބައިތަކަށް ގެއްލުންނުވާގޮތަށްކަމާއިމެދަކު މިއަދުގެ ސައިންސުން ދެބަހެއްނުވެއެވެ. ހިތާމަވެރި ޚަބަރަކީ މިކަމުގެ ހޭލުންތެރިކަން ހިންގުމަށްވުރެ ގެއްލުންހުރި ކަންކަން ކުރިއަރުވާ މީހުން ގިނަވުމާއި މިކަމުގެ މައުލޫމަތު ހުންނަންވާ މީހުންގައި ނުވެސް ނެތުމެވެ. ތިމާގެ ސިއްހަތު ބަލަހައްޓާނީ ތިމާއެވެ. ސިއްހަތަކީ ގެއްލުމުން ދެން ހޯދުން ނުހަނު ދަތި އުނދަގޫ އެއްޗެކެވެ. ސިއްހަތު ހަލާކުވިޔަ ނުދެމާތޯއެވެ.
އިމާމް ޝާފީ ވިދާޅުވެފައިވެއެވެ. "ސިއްހަތަކީ ދުޅަހެޔޮ ސިއްހަތުގައި ތިބޭ މީހުން ބޮލުގައިއޮތް ތާޖެއްފަދައެއްޗެކެވެ. ނަމަވެސް އެކަން ފެންނަނީ ބަލި މީހުންނަށް އެކަންޏެވެ".