ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމާލީ ދައުލަތުގެ ހަޒާނާ މީން ދުވަހަކު ދަތި ނުވާ މިންވަރަށް ދަތި ކޮށްފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހުގެ ފަސް އަހަރުގެ ދައުރު މިއަދު ނިމޭނެ އެވެ. އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. އަދި އެމަނިކުފަނުގެ ކެބިނެޓު ހުވާ ކުރެއްވުން އޮތީ މިރޭ 7:45 ގަ އެވެ.
ރައީސް ޞާލިހު އަށް ފާޑު ވިދާޅުވެ ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އާއި އެމްޑީޕީ ދައުރު މިނިންމަނީ މަދުން ނޫނީ ދިވެހި ވެރިކަމެއް ދިވެހި ހަޒާނާ އަށް ދަތި ނުވާ މިންވަރަށް ދަތި ކޮށްފައި ކަމަށެވެ. ދިވެހީން މިތިބީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އާ ރައީސް ޑރ. މުއިއްޒު އަށްވެސް އަވަހަށް ބަޖެޓް ސަޕޯޓް ހޯދަން ދަތިވާނެ ކަމަށާ ޑިސެމްބަރ ވާނީ އުނދަގޫ މަހަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާ 50.6 ބިލިއަން ރުފިޔާގެ ބަޖެޓު މިހާރު ވަނީ މަޖިލީހަށް ހުށަހަޅަފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާ ގޮތުން، ބޭސްލައިން ހަރަދާއި ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ އަދަދުތަކާއި ބަޖެޓުގައި ހިމަނާ އާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމްލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާ އެވެ.
މިއީ 2023 ވަނަ އަހަރަށް ހުށަހެޅި ބަޖެޓަށްވުރެ 5.3 އިންސައްތަ އިތުރު އަދަދެއް ކަމަށް މި ރިޕޯޓްގައި ބުނެ އެވެ. މި އަހަރު ދައުލަތުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 42.8 ބިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން މި އަހަރުގެ ބާކީ އޮތް މުއްދަތުގެ ހަރަދުތައް ހަމަޖެއްސުމަށް ވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފަ އެވެ.