މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،600,382 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. އެއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 12.9 އިންސައްތައިގެ ކުރި އެރުމެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ. އަދި މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާ އިންނެވެ. ތިން ވަނައިގައި އޮތީ ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޗައިނާ އެވެ.

މިއަހަރުގެ މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު, މިދިޔަ އަހަރު ރާއްޖެއަށް ޒިޔަރަތް ކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ އެއީ އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައެޅި އަމާޒަކީ 1.8 މިލިއަން ފަތުރުވެރިންނެވެ. މިހާތަނަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އަދަދަށް ބަލާއިރު އަމާޒަށް ވާސިލުވުމަށް ބޭނުންވަނީ އިތުރު ދެ ލައްކައެއްހާ ފަތުރުވެރިންނެވެ.