ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސަރުކާރާއެކު ރަސްމީ ފެންވަރުގައި މަޝްވަރާތައް ބޭއްވުމަށް، އެ ގައުމުގެ ބޮޑުވަޒީރު އެންޑީ ބާންހަމްއަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ދައުވަތު އަރުވައިފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި ދައުވަތު އަރުވާފައި ވަނީ އިނގިރޭސި ބޮޑުވަޒީރަށް ރައީސް މިއަދު ފޮނުއްވި ހާއްސަ ސިޓީފުޅެއްގަ އެވެ.
އެ ސިޓީފުޅުގައި، ޗާގޯސްގެ ޖަޒީރާތައް މޮރިޝަސްގެ ދަށަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާމެދު ރާއްޖޭގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ރައީސް ވަނީ ބަޔާންކުރައްވާފަ އެވެ. އަދި ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ޒަމާންވީ ތާރީހީ އަދި ސަގާފީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށާއި އިލްމީ ދިރާސާތައް ކުރުމުގައި ރާއްޖެއިން އިސްނަގައިގެން ކޮށްފައިވާ މުހިންމު މަސައްކަތްތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ރައްކާތެރިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، މި މައްސަލައިގައި އިނގިރޭސިވިލާތާއެކު އިތުބާރު ހުރި، ބިނާކުރަނިވި ގޮތެއްގައި ގުޅުން ބަދަހިކުރަން ރާއްޖެ އަބަދުވެސް އޮތީ ތައްޔާރަށް ކަމަށް ރައީސް ވިދާޅުވި ކަމަށް އެ ސިޓީފުޅާ ހަވާލާދީ ރައީސް އޮފީހުން ހާމަކުރި އެވެ.
ރައީސް މުއިއްޒު ވަނީ ފޯޅަވަހީގެ ސިޔާދަތާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މާނަވީ އަދި ނަތީޖާ ނެރެވޭނެ ފަދަ ވާހަކަތަކެއް ދެއްކުމުގެ މުހިންމުކަން ތަކުރާރުކުރައްވާފަ އެވެ. އަދި ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަކީ މުޅި އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުން، ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ބަދަލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލާފައިވާކަން އެނގުނީ މިދިޔަ އެޕްރީލް މަހުގަ އެވެ.
އެ ނިންމުމާ ގުޅިގެން ފޮރިން މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް އިނގިރޭސިވިލާތަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ. އަދި އެ ސަރަހައްދުގެ މުސްތަގުބަލާއި ބެލެހެއްޓުމުގައި ރާއްޖޭގެ ގާނޫނީ މަސްލަހަތުތަކެއް ހުރިކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ދިވެހިރާއްޖެއިން ވަނީ ރާއްޖޭގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމުކުރާ، ސަރަހައްދީ ސުލްހައަށް ބާރުއަޅާ، އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ފަދަ އިންސާފުވެރި ހައްލެއް މިކަމުގައި ހޯދުމަށް އިނގިރޭސިވިލާތަށް ގޮވާލާފަ އެވެ. މީގެ އިތުރުން އިންޑިއާ ކަނޑުގެ ދެމެހެއްޓެނިވި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވޭ!
ރައީސްގެ ބޮޑު މަޝްރޫއެއް: ރަށްރަށުގައި ނަސޭހަތުގެ ބޯޑު ހަރުކުރަނީ
އީރާނުން އެމެރިކާއަށް އިގްތިސާދީ އަދި އަސްކަރީ އިންޒާރުތަކެއް
"ފޯޅަވަހި ނުލިބޭނަމަ އެގޮތަކަށް ބޭއްވުން މައްސަލައެއް ނޫން"
ޗާގޯސް އެއްބަސްވުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި