ދައުލަތުން އެކި ގޮތްގޮތަށް އަނިޔާ ލިބިފައި ތިބި ފަރާތްތަކަށް އިންސާފު ހޯދައިދުނުމަށް ރައީސް ސޯލިހުގެ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު ހަމަވެ، އެ އޮފީހުގެ ހަރުމުދަލާއި ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ހަވާލު ކުރަން އަންގައިފި އެވެ.

އިންތިޤާލީ އޮފީހުން ބުނީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ އެ އޮފީހުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާތީ، އެ އޮފީހުގެ ހަރުމުދަލާއި ހުރިހާ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރުމަށް އެ މިނިސްޓްރީން އަންގަވާފައިވާ ކަމަށެވެ.

ގާނޫގައި ކަނޑައަޅާފައި އޮތް ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހަށް އެ އޮފީހަށް ހުށައަޅާފައި ހުރި މައްސަލަތައް ނިންމަން ޖެހެ އެވެ. އެހެންނަމަވެސް ހުށައެޅުނު މައްސަލަތައް ގިނަވުމާއި މައްސަލަތައް ބަލާ ނުނިމޭތީ އެ މުއްދަތު މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް އިތުރު ކުރެއްވި އެވެ. އެ މުއްދަތު މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް އިތުރުކުރެއްވީ ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މިހާތަނަށް އައިއިރު އެ އޮފީހަށް 488 މައްސަލައެއް ހުށައަޅާފައިވާއިރު، މި މައްސަލަތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލަ ނިމިފައިވާ ކަމަށާއި އަނެއް މައްސަލަތައް އަދި ނުނިމޭ ކަމަށްއިންތިޤާލީ އޮފީހުން ބުނެ އެވެ. ނަމަވެސް ކޮމިޝަން އުވާލުމުން މިހާރު ނުނިމި ހުރި މައްސަލަތަކަށް ހަދާނެގޮތެއް އެ އޮފީހުން ހާމައެއް ނުބުނެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހެއް ގާއިމުކޮށް ގާނޫނީ އޮނިގަނޑެއް ހަދާ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކަށް އިންސާފު ހޯދައިދިނުމަށް ކުރީގެ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅުގެ ދަށުންނެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، 1953 ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ގާނޫނުން ބާރުލިބިގެން އުފެއްދެވި އޮފީހެކެވެ.