އެމްއެމްޕީއާރުސީގެ ވައްކަމުގެ އެންމެ އިސް މޭސްތިރިޔާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި އެވެ.

އަދީބު ރާއްޖޭން ބޭރަށް ފުރާ ވަޑައިގެންނެވި އިރު ކުރީގެ ރައީސް އިބްރަހީމް މުހައްމަދު ޞާލިހުގެ ދައުރު ނިމެން 4 ދުވަހަށް ވެފައިވަނިކޮށް މިދިޔަ ހޯމަ ދުވަހު ވަނީ އަދީބު އަށް އަދަބު ލުއި ކޮށްދީ މައާފް ކޮށްދެއްވާފަ އެވެ.

އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޒިޔަތުއަށް ވެސް މާފު ދީ މިނިވަން ކޮށްފައިވެ އެވެ.

އަދީބާއި ޒިޔަތަށް މައާފު ދީފައި ވަނީ, ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު ވަނީ އަދީބު އާއި ޒިޔަތުގެ ޖަލުހުކުމް ލުއިކޮށްދެއްވައިފަ އެވެ.

މިއާއެކު އަދީބު ވަނީ ރޭގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ.

އަދީބު ބޭރަށް ވަޑައިގެންނެވިކަން އެމަނިކުފަނުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އިން ޔަގީން ކޮށްދެ އެވެ. އެކަމުގެ ތަފްސީލް ފަހުން ހާމަ ކުރާނެ ކަަމަށް ވެސް ބުންޏެވެ.

އަދީބު ޖަލު ހުކުމުގައި ހުންނެވި އިރުވެސް ބޭސް ފަރުވާއަށް މީގެ ކުރިން ސިންގަޕޫރަށް ވަޑައިގެންފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރު އެވެ. އެހެންނަމަވެސް ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.

ޒިޔަތު ވެސް ގެންދެވީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ޒިޔަތު ވެސް ހުންނެވީ ގޭބަންދުގަ އެވެ.

ޒިޔަތު މިނިވަންވި އިރު އޭނާގެ މައްޗަށް އިތުރު ތިން ދައުވާއެއް ކުރުމަށް ޕީޖީ އޮފީހުން ވަނީ ކޯޓަށް ފޮނުވައިފަ އެވެ.